Last Updated: June 7, 22:00
Sunday, June 7, 2026
ވިޔަފާރި

ހިސާބު ނުބަލައްޓާ ވިޔަފާރިތަކަށް ފިޔަވަޅު އަޅަނީ

ވިޔަފާރީގެ ހިސާބުތައް ނުބަލަހައްޓާ ވިޔަފާރިތަކާ މެދު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފިޔަވަޅު އަޅަން ފަށައިފި އެވެ.

މީރާއިން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ހިސާބުތައް އެންމެ ރަނގަޅަށް ނުބަލަހައްޓާ ފަރާތްތަކާ މެދު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓެކްސްގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ފިޔަވަޅުތައް އަޅައި ޖޫރިމަނާ ކުރަން ފެށުމަށް ހަމަޖެހިފައިވާ ވާހަކަ ޓެކްސް ދައްކާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.

މީރާގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަލީލު ވިދާޅުވީ ހިސާބުރައް ނުބަލަހައްޓާ ވިޔަފާރިތަކާ މެދު ފިޔަވަޅު އެޅުމުގެ ގޮތުން އެންމެ ފުރަތަމަ ދޭނީ ނޯޓިސްއެއް ކަމަށެވެ.

"މިހާރު ވެސް ބައެއް ފަރާތްތަކަށް ވާނީ ނޯޓިސް ދީފަ. ދެން އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނީ. ފިޔަވަޅު އަޅާނީ ނޯޓިސް ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ،" ފަތުހުﷲ ވިދާޅުވި އެވެ.

ޓެކްސް ދެއްކުމާ ބެހޭ ރެކޯޑު ބެލެހެއްޓުމުގެ މައުލޫމާތު ދިނުމަށް ގިނަ މަސައްކަތްތަކެއް މީރާއިން ކުރަމުންދާ އިރު އެގޮތުން ވިޔަފާރިވެރިންނަށް ފަސޭހައަކަށް ވިޔަފާރީގެ ހިސާބުތައް ބަލަހައްޓާނެ ގޮތުގެ ގައިޑްލައިނެއް ވެސް މީރާއިން އާއްމުކޮށްފައިވެ އެވެ.