Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

އާލިއާ ޖޭޒް ލަވަކިޔުންތެރިއަކަށް

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ގައި ބަތަލާ އާލިއާ ބަޓް ކުޅޭނީ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ އެ ރޯލު ވާނީ ހުނަރުވެރި ބަތަލާގެ ވަރަށް "އިންޓެންސް" ރޯލަކަށް ކަމަށެވެ. އަދި އެ ރޯލަށް އާލިއާ ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. ކާމިޔާބު ބަތަލާ އަކީ ބަންސާލީގެ އެންމެ ފަހުގެ ފިލްމު 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ތަރިއެކެވެ.

"ލަވް އެންޑް ވޯ" ގައި އާލިއާ ލަވަކިޔުންތެރިއެއްގެ ރޯލު ކުޅޭ އިރު، އޭނަ އަކީ ޙުދު ލަވަކިޔުންތެރިއެކެވެ. އެގޮތުން އަމިއްލަ ބައެއް ފިލްމުތަކަށް ވެސް ލަވަ ކިޔާފައިވެ އެވެ.

އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް "ލަވް އެންޑް ވޯ" ގައި އާލިއާގެ ބަތަލުންނަކީ ފިރިމީހާ ރަންބީރް ކަޕޫރްގެ އިތުރުން ވިކީ ކޯޝަލެވެ.

އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ ޑައިރެކްޓަރު ވަސަން ބާލާގެ "ޖިގްރާ" އެވެ. މިދިޔަ އަހަރު އާލިއާގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އަލަތު ހޮލީވުޑްގެ ފިލްމުގެ "ހާޓް އޮސް ސްޓޯން" އެވެ.