Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

މ. އަތޮޅާއި މާލެއާ ދެމެދަށް ސްޕީޑް ފެރީ އަދި ނ. ރ. ބ. އަތޮޅަށް އާރްޓީއެލް

މުލަކުއަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމާއި ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނި ސީއީއޯ އަބްދުﷲ ޒިޔާދެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ މިނިސްޓަރު މުހައްމަދު އަމީނެވެ.

އެމްޓީސީސީން ބުނެފައިވަނީ މުލަކުއަތޮޅާއި މާލެއާއި ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމުން އަދި ނ. ރ. އަދި ބ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމުން މި އަތޮޅުތަކުގައި ރައްޔިތުންނަށް އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބި، ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންޤިލާބީ އައު ބާބެއް ފެށޭނެ ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ އާރްޓީއެލް ހިދުމަތް ފުޅާކުރުމުގެ ގޮތުން އިތުރު ސަރަހައްދުތަކުގައި ހިދުމަތް ފެށުމަށް ބޭނުންވާ އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ. އަދި އާރްޓީއެލް ފެރީ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއި ތަމްރީނުތައް ދެވެމުންދާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.