Last Updated: May 19, 11:30
Sunday, May 19, 2024
ޚަބަރު

ކަރަންޓް ކެނޑުމުގެ މައްސަލައަށް ވަގުތީ ހައްލެއް!

އާރްއޭފް ގައި ހުންނަ މައި އިންޖީނުގެ-

އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ތިން އިންޖީނަކަށް މައްސަލަ ޖެހި ގުޅިފައިވާ ރަށްތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑެން ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށް އެސްޔޫއެލްއިން ބުނެފި އެވެ.

"އައްޑޫ ލައިވް" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެސްޔޫއެލް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ޒުހައިރު (އަބްހަރީ) ވިދާޅުވީ އިއްޔެ ހަވީރު މައްސަލަ ޖެހިފައިވާ އިންޖީނެއް މަރާމާތުކޮށް ކަރަންޓް ދޭން ފެށުމާއި ގުޅިގެން މިވަގުތު ކަރަންޓް ކެޑެން ދިމާވާ މައްސަލަ ހައްލުވެފައިވާ ކަމަށެވެ.

"އިއްޔެ ހަވީރުން ފެށިގެން މައްސަލަ ޖެހިފައިވާ އެއް އިންޖީނު މަރާމާތު ކުރުމުން މިވަގުތަށް ކަރަންޓް ކެޑޭ މައްސަލަ މިވަނީ ހައްލުވެފައި. ނަމަވެސް މީ ދާއިމީ ހައްލެއް ނޫން" ޒުހައިރު ބުންޏެވެ.

ޒުހައިރު ވިދާޅުވީ އިންޖީނުގޭގައި ހުރި 8 އިންޖީނުގެ ތެރެއިން ހަތަރު އިންޖީނު މަރާމާތު ކުރަން ޖެހޭ އިރު މިވަގުތު މައްސަލަ ޖެހި ބޭނުން ނުކޮށް ތިން އިންޖީނު ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން އެއް އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުން އަންނަ ކަމަށެވެ.

"އިތުރު އިންޖީނެއް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން އެބަދޭ. ލަފާކުރެވޭ ގޮތުގައި މާދަމާ މި އިންޖީނު މަރާމާތުކޮށް ނިމޭނެ. އެހެންވެއްޖެ ނަމަ ހަ އިންޖީނު އެއްފަހަރާ އޮޕަރޭޓް ކުރެވޭނެ" ޒުހައިރު ވިދާޅުވިއެވެ.

ކަރަންޓް ކެޑުމުގެ މައްސަލައާއި ގުޅިގެން އިއްޔެ އިންޖީނުތައް މަރާމާތު ކުރި އިރު އައްޑޫ ސިޓީ ކައުންސިލާއި އެކު ވޮލަންޓިއަރުންގެ ގޮތުގައި އައްޑޫގެ ހަތަރު އިންޖިނިއަރަކު ވަނީ މަސައްކަތް ކޮށްފައިއެވެ. އެގޮތުން ކުރިން އެސްޔޫއެލްގެ މެނޭޖިން ޑިރެކްޓަރގެ މަގާމު އަދާކުރި ހުސެއިން ޝާހިދް އާއި ފަރުހާން މާހިރު އަދި އަބްދފުﷲ ޒުބައިރުގެ އިތުރުން އަހުމަދު އަލީ ވަނީ މަސައްކަތް ކޮސްފައިއެވެ. އަދި މަސައްކަތް ހިގަމުންދިޔަ ގޮތް ސިޓީ ކައުންސިލުންވަނީ މޮނިޓަރ ކޮށްފައިއެވެ.

އިންޖީނު މަރާމާތު ކުރުމަށްޓަކައި ސްޓެލްކޯގެ އިންޖިނިއަރަކުވެސް ރޭ ވަނީ އައްޑޫއަށް އައިސް މި މަސައްކަތުގައި ބައިވެރިވާން ފަށާފައިއެވެ.

ދޭތެރެ ދޭތެރެއިން އައްޑޫގެ ރަށްތަކުން ކަރަންޓް ދިއުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ދަނީ ބޮޑެތި ގެއްލުން ވަމުންނެވެ. އެގޮތުން ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ސާމާން ހަލާކުވުމގެ ޝަކުވާ ސިޓީ ކައުންސިލަށް ލިބެމުންދާކަމަށް އެފަރާތުން ވަނީ ބުނެފައިއެވެ. އަދި ބައެއް ވިޔަފާރިވެރިން އެމީހުން ގެންގުޅޭ ފިނިކުރި ސާމާން ހަލާކުވުމުގެ ޝަކުވާ އަންނަނީ ކުރަމުންނެވެ.