Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

އިހުސާނު ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ބަލަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ: ހޯމް މިނިސްޓްރީ

ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ފުލުހުންގެ ވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތުކޮށްފިއެވެ.

2021 ވަނަ އަހަރު ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އަތުލައިގަތް 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ހިމެނޭ 2 މީހަކު ސަލާމަތްވުމުން، އެ މައްސަލައިގެ ހުރިހާ ތަފްސީލެއް ރައްޔިތުންނަށް ހާމަކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ފުލުހުންނަށް އަންގަވައިފައިވެއެވެ. އަދި އެ އެންގެވުމާ ގުޅިގެން ފުލުހުން ވަނީ އެ މައްސަލައިގެ މައުލޫމާތުތައް މީޑިއާއަށްވެސް ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނެފައިވަނީ، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިހުސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރ އަހްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރ މަމްދޫހް ހަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑި މައްސަލައާ މެދު ގޮތެއް ނިންމުމަށް، ކްރިމިނަލް ކޯޓުގެ ޤާޟީންގެ ކުއްލި މަޖިލީހަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މިކަމާމެދު ގޮތެއް ނިންމުމަށް 18 އޭޕްރިލް ވާ ބްރާސްފަތި ދުވަހު 13:00 އަށް ޤާޟީންގެ މަޖިލީހެއް ތާވަލުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ.

119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ދައުވާ ކުރީ އަލީ ޒުބައިރު، އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށެވެ. މި މީހުންގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. މީގެތެރެއިން ކުށް ސާބިތުވެފައިވަނީ އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާ 25 އަހަރަށް ޖަލަށް ލުމާއެކު 100،000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ހުކުމް ކޮށްފައިވެއެވެ. އަދި އަހްމަދު ސުނައިން އަދި އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ހުކުމް ކޮށްފައިވެއެވެ.