ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި އޭނަގެ ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމު "ކިންގް" އަށް 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށެވެ.
މީޑިއާތަކުން ބުނީ މި ފިލްމު ހަދަން ނިންމާފައި ވަނީ ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓައިންމަންޓާއި މިދިޔަ އަހަރު ރިލީޒްކުރި އޭނަގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުންފުނި، މާފްލިކްސް ފިކްޗާސް ގުޅިގެން ކަމަށެވެ. މާފްލިކްސްގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ ސިދާތު ގެނެސްދިން "ފައިޓާ" އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ސުޖޯއި ގޯޝް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ކިންގް" ގެ ޝޫޓިން ފެށުނުގެ ތައްޔާރީތައް ކުރިއަށްދާ އިރު، މި އެކްޝަން ތުރިލާގެ އެކްޝަން މަންޒަރުތައް ޑިޒައިން ކުރަން ބޭރުގެ ތަޖުރިކާބާރު ސްޓަންޓް ޑައިރެކްޓަރުންގެ ޓީމަކާ ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.
ނަމަވެސް "ކިންގް" އާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި "ޕަތާން 2" ގެ ޝޫޓިން ފެށުމުގެ ކުރިން ޝާހްރުކާއި ސުހާނާ "ކިންގް" ގެ ޝޫޓިންގެ ބޮޑު ބައެއް ނިންމާނެ އެވެ. މީގެ ގިނަ މަންޒަރުުތައް ބޭރު ގައުމުތަކުގައި ނަގާނެ އެވެ.
ޝާހްރުކްގެ ހަމައެކަނި އަންހެން ދަރިފުޅު ސުހާނާގެ ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އެވެ.