Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

އެންޓި-ކެމްޕޭން ކުރާ ނަމަ ފިޔަވަޅު އަޅާނަން: އީސީ

އަންނަ ހަފުތާގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭން ތެރޭގައި އެންޓީ-ކެމްޕޭން ކުރާކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފި އެވެ.

އެތަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އީސީން ބުނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓި-ކެމްޕެއިންގެ އަމަލުތައް ހިންގާ ކަމަށާއި، އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކާއި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭ ގޮތަށް މެސެޖުތައް ދައުރު ކުރަމުންދާ ކަމަށެވެ.

އެހެންވެ އިންތިހާބުތަކާ ބެހޭ އާންމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑިޑޭޓުންނަށް އިލްތިމާސްކުރާ ކަމަށް އީސީން ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ވަޒީފާގެ ބިރު ދައްކާ މައްސަލައެއް މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އަދި އިންތިހާބާ ގުޅޭ 40 އަށް ވުރެ ގިނަ މައްސަލަ އެ ކޮމިޝަނުން ބަލައި ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު އަދި މިހާތަނަށް އެއްވެސް މައްސަލައަކާ ގުޅިގެން ފިޔަވަޅެއް ނާޅަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.