Last Updated: April 30, 06:17
Tuesday, April 30, 2024
ކުޅިވަރު

ގާޑިއޯލާގެ އަގުބޮޑު ގަޑީގެ ވާހަކަ ފަލަ ސުރުހީއަކަށް

މެންޗެސްޓާ ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާގެ އަގުބޮޑު ގަޑީގެ ވާހަކަ މިހާރު މާ ހޫނުކޮށް ދެކެވެން ފަށައިފި އެވެ.

އަބަދު ވެސް ވަރަށް ސްޓައިލިޝްކޮށް އުޅޭ ގާޑިއޯލާ މިހާރު އަޅަނީ 1.26 މިލިއަން ޑޮލަރުގެ ރިޝާ މިލް ބްރޭންޑްގެ ގަޑިއެކެވެ. ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި އުފައްދާފައިވާ މި ބްރޭންޑް ގަޑިއެއް އަޅައިގެން، އެ ގަޑި އަށް ގާޑިއޯލާ ދޭތެރެ ދޭތެރެ އިން ވަރަށް ފަރުވާތެރިކަމާ އެކީ ބެލި ވާހަކަ މެންޗެސްޓާ ސިޓީ އާއި ރިއާލް މެޑްރިޑް އެންމެ ފަހުން ބައްދަލުކުރި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް މެޗަށް ފަހު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވިފައިވެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ގާޑިއޯލާ، 53، ގެ މި ގަޑި އަކީ މިހާތަނަށް އުފެއްދި އެންމެ ލުއި "މެކޭނިކަލް" ގަޑި އެވެ. މީގެ ބަރުދަނަކީ އެންމެ 18.83 ގްރާމެވެ. އަދި އުފައްދާފައި ވަނީ މީގެ އެންމެ 50 ގަޑި އެވެ.

މި ގަޑި އެންމެ ފުރަތަމަ ޑިޒައިންކުރީ ސްޕެއިންގެ މަޝްހޫރު ޓެނިސް ތަރި ރަފައެލް ނަޑާލް އަށް ހާއްސަކޮށްގެންނެވެ. އެއީ އޭނަ މެޗް ކުޅޭ އިރު ލުއި ގަޑިއަކުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުންނެވެ.