Last Updated: May 4, 09:56
Saturday, May 4, 2024
ޚަބަރު

މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

ހދ. ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓު ދީފި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު މުޅި ރަށަށް ކަރަންޓު ދެވިފައިވާ ކަމަށެވެ.

ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވާ ހަރުދަނާ އިރުޝާދަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ވެސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފާއިތުވި މަހެއްހާ ދުވަހު ކަރަންޓް ކަނޑޭ މައްސަލަ ދިމާވެ އެކަމުގެ ތަކުލީފު ކުޅުދުއްފުށީ ރައްޔިތުން އުފުލިއިރު، ޓްރާންސްފޯމަރަކަށް މިއަދު ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ހެނދުނު އެ ސިޓީން ވަނީ އެއްކޮށް ކަރަންޓު ކެނޑިފަަ އެވެ.

ފެނަކައިން ބުނީ އެގޮތަށް ދިމާވީ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިގެން ކަމަށެވެ.

ފެނަކަ އިން ވަނީ މިދިޔަ ރޯދަ މަހު ކުޅުދުއްފުށީ ރައްޔިތުންނަށް ކަރަންޓް ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވެސް ނިންމާފަ އެވެ.