Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން ނިންމާފައިވާ އައްޑޫ ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ހަންކެޑެ ތަރައްގީ ކުރަން ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންނެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ އެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 30 ގަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.

ހަންކެޑެ ތަރައްގީ ކުރަން ހަމަޖެއްސީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. އަދި އެއީ ބެޑް ކެޕޭސިޓީ އަށް ބަލާ އިރު، 2،080 އެނދެވެ.

މަރަދުއާ އިންވެގެން އޮންނަ ހަންކެޑެ ތަރައްގީ ކުރުމަށްޓަކައި އެ ރަށާއި ގައުކެނޑި ގުޅުވައިދޭ ބްރިޖް ވެސް ބަދަލުކުރަން ފެށި މަސައްކަތް މިހާރު އޮތީ އެއްކޮށްހެން ނިމިފަ އެވެ. ގައުކެނޑި އާއި މަރަދޫ ގުޅޭ ގޮތަށް ބްރިޖްގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސްއިންނެވެ.