Last Updated: April 30, 06:17
Tuesday, April 30, 2024
ކުޅިވަރު

ޕާމާގެ ހަތަރު ގޯލުން ޗެލްސީ އަށް ބޮޑު މޮޅެއް

ކޯލް ޕާމާގެ ހަތަރު ގޯލުން ޗެލްސީން 6-0 އިން އެވަޓަން ބަލިކޮށްފި އެވެ.

މި މޮޅާއެކު ޗެލްސީ އޮތީ 31 މެޗުން ލިބުނު 47 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. އެވަޓަން އޮތީ 32 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ 13 ވަނަ މިނެޓްގައި ޕާމާ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. މިއީ އެވަޓަންގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޕާމާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ފަސް މިނެޓްފަހުން ޗެލްސީގެ ދެވަނަ ގޯލު ވެސް ޕާމާ ކާމިޔާބުކޮށްދިން އިރު މެޗުގެ 29 ވަނަ މިނެޓްގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕާމާ ވަނީ ޗެލްސީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިއީ ޕްރިމިއާ ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ހެޓްރިކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިކޮލަސް ޖެކްސަން ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ޗެލްސީގެ ފަސްވަނަ ގޯލު ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ވެސް ޕާމާ އެވެ. މި މެޗުގައި ޖެހި ހަތަރު ގޯލާއެކު ލީގުގައި ޕާމާ ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ. ޗެލްސީގެ ހަވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އަލްފީ ގިލްކްރިސްޓް އެވެ.

މިއީ ލީގުގައި ޗެލްސީން ބަލި ނުވެ ފުރިހަމަ ކުރި 8 ވަނަ މެޗެވެ. ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އާސެނަލްއާ އެވެ.