Last Updated: April 29, 21:55
Monday, April 29, 2024
ޚަބަރު

ލައިންސަންސްގެ އިދާރީ ފީ ކައުންސިލްތަކަށް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެގުމަށް ނަގާ އިދާރީ ފީ ކައުންސިލްތަކަށް ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ސަރުކާރުން އިއުލާންކުރީ މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ.

މިކަމަ ގުޅިގެން ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.

ލައިންސަންސް ފީ ކައުންސިލްތަކަށް ދޭން ނިންމާފައި ވަނީ އަންނަ މަހުން ފެށިގެންނެވެ.

މިކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން މިހާރު ވަރަށް ގިނަ ރަށްރަށުގެ ކައުންސިލުން މުވައްޒަފުން ނަގައިގެން ލައިސެންސް ނެގުމުގެ ޚިދުމަތް ދޭއިރު، ލައިސެންސް ފީގެ ގޮތުގައި ނަގާ ފީ ކައުންސިލަަށް ނުލިބޭކަން ފާހަގަކުރާ ކަމަށެވެ. އަދި މި ފީ ދައްކަން ޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯޓަލްއެއް މެދުވެރިކޮށް ކަމަށާއި އެ ފީ ސީދާ ކައުންސިލަށް ދެއްކޭ ގޮތެއް ވެސް ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"އެހެންކަމުން އަންނަ މަހުގެ އެކަކުން ފެށިގެން އެ ލައިސަންސްގެ މަސައްކަތް ކުރައްވާ ހުރިހާ ކައުންސިލަކަށް އެ މަސައްކަތުގެ ހައްގު، އެ ލިބެން ޖެހޭ ފީއަކީ ކައުންސިލްތަކަށް ލިބޭނެ ފައިސާއެއްގެ ގޮތުގައި ހަމަޖައްސަފައި ވާނީ." އަމީން ވިދާޅުވިއެވެ.