Last Updated: May 3, 13:49
Friday, May 3, 2024
ރިޕޯޓް

ހަންކެޑެއާ މެދު މި ފަހަރު ކިހާ އުންމީދެއް؟

އައްޑޫ ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ ވާހަކަ އަކީ ވަރަށް ޒަމާންވީ ވާހަކަ އެވެ. މިކަމާ ގުޅޭ މަސައްކަތްކެއް އެންމެ ފުރަތަމަ ފެށުނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2008 ގަ އެވެ. އޭރު ހަންކެޑައިގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ.

އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މަހުމޫދު ޝައުގީގެ ހުންނެވި އިރު، ހަންކެޑެ އަށް ވާނުވާ ވަރަށް ގާތުން ބައްލަވަމުން ގެންދެވި އެވެ. ހަންކެޑެ ތޫނޑުއާ ހަވާލުކުރުމުން އެތަނުގައި ހަދަން ނިންމި ކޮޓަރިތަކުގެ ނަމޫނާއެއް ވެސް ހަދައި ތަން ދައްކައި ވެސް ލި އެވެ.

އެކަމަކު ވަކި ހިސާބަކުން ހަންކެޑެ ބްރެކި ޖެހުނީ އެވެ.

އޭގެ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ ވާހަކަ ތިލަވި އެވެ.

އަދި އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް މިކަމާ ގުޅޭ ވާހަކަތަކެއް ދެކެވި، ބައެއް ކަންކަން ކޮށްފައިވެ އެވެ އޭރު އެންމެ ބޮޑަށް ޕްލޭން ކުރެވުނީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖް ރަށުގެ އުތުރު ފަރާތަށް ބަދަލުކޮށް، ހަންކެޑެ ތެރެއިން ދަތުރު ނުކުރެވޭ ގޮތަށް ހެދުމެވެ. އައްޑޫ ލިންކް ރޯޑް ހަދާފައި އޮންނަނީ މަރަދޫ ކައިރީގައި އޮންނަ ހަންކެޑެއިގެ ތެރެއިން ދަތުރު ކުރެވޭ ގޮތަށެވެ.

އެހެންވެ އެ މަގު ބަދަލު ކުރަން ކުރީގެ ސަދަން ޔުޓިލިޓީސް ލިމިޓެޑް (އެސްޔޫއެލް) ގެ ދަށުން މަސައްކަތްތަކެއް ކުރަން ނިންމި އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ އިންޓަނެޝަނަލް ކޮންސްޓްރަކްޝަން ކޮންސޯޓިއަމް (އައިސީސީ) އެވެ.

އޭރު ހަންކެޑައިގައި ރިސޯޓެއް ތަރައްގީ ކުރަން ސިންގަޕޫރްގެ ކްރެސެންޑާސް ކިޔާ ކުންފުންޏާ އެކީ އޮތީ އެއްބަސްވުމެއް ހަދައިފަ އެވެ. އެ ކުންފުނިން ހަންކެޑައިގައި ތަރައްގީ ކުރަން ނިންމީ 100 ކޮޓަރީގެ ރިސޯޓެކެވެ. އަދި މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި 2014 ގެ ކުރީކޮޅު އެ ރިސޯޓް ހުޅުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެކަމަކު ފަހުން އެކަން ވެސް ހުއްޓުނީ އެވެ.

މިހާރު އަނެއްކާ ވެސް އޮތީ ހަންކެޑެއިގެ ވާހަކަ އެވެ. މި ފަހަރު އަމަލީ މަސައްކަތާ ހަމައަށް ދިޔައީ އެވެ. ކުރިން ބަދަލު ކުރަން އޮތް މަގު މިހާރު އޮތީ ގައުކެނޑި އާއި މަރަދޫ ބްރިޖަކުން ގުޅުވާލައިފަ އެވެ. އެ މަސައްކަތް ކުރީ އައްޑޫގެ މަގު ހަދާ އިންޑިއާގެ ކުންފުނި އެފްކޮންސްއާ ހަވާލުކޮށްގެންނެވެ.

ރެއަކީ އައްޑު އަށް ބޮޑު ރެއެކެވެ. ސަބަބަކީ ހަންކެޑެ އިންޓަގްރޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން ނިންމާފައި އޮތް ޕްލޭނުގެ އަމަލީ މަސައްކަތް މި ސަރުކާރުން ބިންގާ އަޅައި ރޭ ފެށުމެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ އެ މަސައްކަތާ ހަމައަށް ހަންކެޑެ ޕްރޮޖެކްޓް ގެންދިޔައީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައިކަމެވެ. ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ލިބުނު ފުރުސަތަކީ ހުރިހާ ކަމެއް ހަމަޖެހިފައި އޮތް މަޝްރޫއު އަމަލީ ގޮތުން އިފުތިތާހު ކުރުމެވެ. އެކަމުގައި އިސްކޮށް ހުންނެވީ އައްޑޫ ފޭދު އަށް އުފަން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

އެ ޝަފަރު މި ސަރުކާރަށް ލިބުނަސް، މި މަޝްރޫއުގެ ހަގީގީ މޭސްތިރި އަކީ ކުރީގެ ސަރުކާރެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ހަންކެޑެ ތަރައްގީ ކުރަން ކުރީގެ ސަރުކާރުން ހަވާލުކޮށްފައި އޮތީ މި ސަރުކާރު އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޗައިނާގެ ކުންފުންޏަކާކަމެވެ. އެހެންވެ ހަންކެޑެ މަޝްރޫއު މި ފަހަރު ހަގީގަތަކަށް ހަދައިދޭން މި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކޮށް ދޭނެ ކަމަށް އުންމީދު ކުރަން ޖެހެ އެވެ.

ރޭގެ ކުލަގަދަ ރަސްމިއްޔާތުގައި އިހުސާން ވެސް ވިދާޅުވެފައި ވަނީ މި ސަރުކާރު އަބަދު ވެސް އޮންނާނީ ތަރައްގީ ގެންނަން އެލާޓްގައި ކަމަށެވެ. އެހެންވެ މި ފަހަރު ހަންކެޑެއާ މެދު އައްޑޫ މީހުން ދެކޭނީ ވެސް އެ ނަޒަރުންނެވެ.

ހަންކެޑެ ތަރައްގީ ކުރަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ ދަށުންނެވެ. އެގޮތުން އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ މާޗް 30 ގައި ހަންކެޑެ ތަރައްގީ ކުރަން ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން (ސީއެންއީސީސީ) އާ ހަވާލުކޮށްފަ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ހަންކެޑެ ތަރައްގީކުރާ އިރު، މިއީ ބޭންކް އޮފް ޗައިނާ އިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގައި ޖުމްލަ 1،041 ކޮޓަރި ހިމެނެ އެވެ. ބެޑް ކެޕޭސިޓީ އަކީ 2،080 އެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ހަންކެޑެ މަޝްރޫއުގެ ސަބަބުން 1،980 އެއްހާ ވަޒީފާ އައްޑޫގައި އުފެދިގެން ދާނެ އެވެ.

ހަންކެޑެއާ މެދު މާޒީގައި ކަންވެފައި އޮތް ގޮތަށް ބަލާ އިރު، މިތަނާ ދޭތެރޭ އައްޑޫ ރައްޔިތުން ދެކޭ ތަސައްވުރާ މެދު ސުވާލު އުފައްދާ މީހުން އަދިވެސް މަދެއް ނޫނެވެ. އެކަމަކު މި ފަހަރު ހަންކެޑެ ހަގީގަކަށްވާނެ ކަމަށް އުންމީދު ކުރަމާ ހިނގާށެވެ. މި ސަރުކާރުން ރޭ ހަންކެޑެއިގައި އެރުވި ހަވާތަކުން ބައެއްގެ މޫނުމައްޗަށް އުފާވެރިކަން އައިކަން ޔަގީނެވެ.

އެއީ ހަންކެޑެ ހަގީގަތަކަށް ހަދައި ދޭނެ ކަމަށް ކުރެވޭ އުންމީދުތަކާ ހެދި އެވެ.