ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ދޫކުރަމުންދާ ލޯނުތަކަށް ބަދަލުގެނެސް ވީހައި ގިނަ ކަސްޓަމަރުންނަށް ލޯނު ލިބޭނެ ފުރުސަތު ހޯދައި ދިނުމަށް ބޭނުންވާކަން ބޭންކުން ހާމަކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނެފައިވާ ގޮތުގައި ދިވެހި ފަރުދުންނާއި ވިޔަފާރިތަކަށް 8 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު މިހާރުވެސް ދޫކޮށްފައިވާ ދިވެހިރާއްޖޭގެ ޤައުމީ ބޭންކުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވުމުގެ ގޮތުން ގިނަ ފަރާތްތަކަކަށް ލޯނު ލިބޭނެ ގޮތްތަކެއް ތަޢާރަފްކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބޭންކުން ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި އެމްޑީ މރ. އެންޑްރޫ ހީލީ ވިދާޅުވީ "ބޭންކް މި އޮތީ އަމިއްލަ ފަރުދުންނާ ވިޔަފާރިތަކަށް ހުޅުވާލެވިފައި. މިހާރު ބޭންކުން ދޫކުރާ ލޯނުތަކަށް ގެންނަ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި އަޅުގަނޑުމެން ހާމަކުރާނަން. އަދި ހަމައެހެންމެ އާ ލޯނުވެސް ތަޢާރަފްކުރެވިގެންދާނެ. ލޯނަށް އެދި ހުށަހެޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރެވި އަދި ލޯނު ލިބުމަށް ނަގާ މުއްދަތު ކުޑަކުރެވިގެން ދިޔުމަކީ ވެސް އަޅުގަނޑުމެންގެ އަމާޒެއް." ކަމަށެވެ.
ބޭންކުން މިހާރު ދޫކުރަމުންދާ ލޯނުތަކާއި އަލަށް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ލޯނުތަކުގެ އިތުރު ތަފްސީލް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ހުރި ހަފްތާތަކުގައި ހާމަކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ގެދޮރު ހޯދުމަށް ބޭނުންވާ ލޯނާއި ރަހުނަކާ ނުލާ އަމިއްލަ ފަރުދުންނަށް ދޫކުރާ ލޯނުގެ އިތުރުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ލޯނުވެސް ބޭންކުގެ ޕްލޭންގައި ހިމެހިމެނޭ ކަމަށް އެބޭންކުން ބުނެއެވެ.