Last Updated: May 5, 09:08
Sunday, May 5, 2024
ޚަބަރު

ވޯޓަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފި

އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ތަކެތި ރަށްރަށަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ފޮނުވަން ފަށައިފި އެވެ.

އީސީން ބުނީ ތަކެތި ފޮނުވުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން މިއަދު ފަތިހުން ފެށިގެން ކުރިއަށްދާ ކަމަށެވެ. އެގޮތުން އއ. އދ. ވ. މ. ފ. އަދި ދ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުން ކުރިއަށް ދަނީ ކަނޑުމަގުން ކަމަށެވެ. ތ. ލ. ގއ. ގދ. ފުވައްމުލައް އަދި އައްޑު އަށް ތަކެތި ފޮނުވުމުގެ މަސައްކަތް ކުރަނީ ވައިގެ މަގުންނެވެ.

އީސީން ބުނީ މިއަދު ހަވީރު 5:30 ހަމައަށް އެ އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާ ހަމައަށް ވޯޓު ކަރުދާހާއި ބޭނުވާ އިތުރު ސާމާނު ފޮނުވުމުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އީސީން ބުނި ގޮތުގައި ހއ. ހދ. ށ. ނ. ރ. ބ. އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށްތަކަށް ވޯޓުފޮށި ފޮނުވުމުގެ މަސައްކަތް ކުރާނީ މާދަމާ އެވެ. އަދި ވަކިވަކި ރަށްތަކަށް ތަކެތި ފޮނުވަން ފަށާނީ ހުކުރު ދުވަހު އެވެ. ސިނާޢީ ރަށްތަކާއި ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި 20 ވަނަ ދުވަހުގެ ނިޔަލަށް ފޮނުވައި ނިންމާނެ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އިންތިބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ.