Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ކޮމިއުނިޓީ ފަންޑުން ހިންގި ޕްރޮޖެކްޓުތަކެއް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ކޮމިއުނިޓީ ފަންޑު' ގެ ދަށުން 4 ޕްރޮޖެކްޓެއް ނިންމާލައިފި އެވެ.

މި ގޮތުން ސ. ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން ވަނީ 'ރަށްވެށި ޕްރޮގްރާމް' އެއް ބާއްވާފަ އެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާރވޭ ފީލްޑްޓްރިޕް ހިމެނޭހެން ވަނީ 1 މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފަ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުތުކުރުމަށް ޖަމިއްޔާއިން ކުރަމުންދާ ރީސާރޗް މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފަ އެވެ. އަދި ޖަމިއްޔާއިން ކަނޑުދަތުރުކުރާ ފަރާތްތަކާ އިންޓަވިއުކޮށް އެފަރާތްތަކަށް ކަނޑާ ގުޅޭގޮތުން ލިބިފައިވާ އަގުނުކުރެވޭނެ ފަދަ މައުލޫމާތުތައް ރެކޯޑުކޮށް އެކަންކަން ބަލާ އެކަމާ ގުޅޭ ރިޕޯޓެއް ޝާއިއު ކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީ އިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނުވަނީ ގަނެފަ އެވެ. މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ،

މ. މުލަކުގައި، އެރަށަށް ނިސްބަތްވާ ޖަމިއްޔާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް ގެ ފަރާތުންވަނީ މުލަކު ސްކޫލުގައި ރީޑިންގ ޕާކެއް ތަރައްގީކޮށްފަ އެވެ. މި ޕްރޮޖެކްޓްގެ މަގްސަދަކީ ދަރިވަރުންގެ މެދުގައި ފޮތްކިއުމަށް ލޯބި އިތުރުކުރުމެވެ.

މީގެ އިތުރުން، އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް އިން ވަނީ ލައިފް ކޯޗިންގ އަދި ކެޕޭސިޓީ ޕްރޮގްރާމެއް އއ. އުކުޅަސް، ހއ. މާރަންދޫ އަދި ހއ. ތަކަންދޫގައި ކުރިޔަށްގެންގޮސްފަ އެވެ. އަންހެނުންނަށް އަމާޒުކޮށް ހިންގި މި ޕްރޮގްރާމްގައި ވަނީ ސެލްފް އެމްޕަވަރމަންޓް، ސްރެސް މެނޭޖް ކުރުމާއި، ކޮމިއުނިކޭޝަން އަދި ޑިޖިޓަލް މާކެޓިންގ އަދި އިންޓްރޮޑަކްޝަން ޓު ބިސްނަސް ފަދަ ދާއިރާތަކުން މައުލޫމާތު ހިއްސާކޮށްފަ އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.