Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ދެ މެގަވޯޓް އިންޖީނެއް ގެންނަ ކަމަށް ނިމާލް އަނެއްކާވެސް ބުނެފި

ފެނަކަގެ ކުރީގެ އެމްޑީ ނިމާލް.

އައްޑޫގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދެ މެގަވޮޓްގެ އިންޖީނެއް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގައި ބަހައްޓާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ފެނަކަގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ އެ އިންޖީނު ގަތުމަށް ފެނަކަގެ މުވައްޒަފުންތަކެއް ރާއްޖޭން ބޭރަށް ގޮސްފައިވާ ކަމަށެވެ.

"އެ އިންޖީނު ގަންނަން ހަމަޖެހިފައިވާ ގައުމަށް އިންޖީނު އިންސްޕެކްޓް ކުރަން އަޅުގަނޑުމެންގެ މުވައްޒަފުންތަކެއް ރޭ ވަނީ ފުރާފައި،" ނިމާލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި އެ އިންޖީނު ގެނެސް ކުރިއަށް އޮތް ދޮޅު މަސް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫގައި އިންސްޓޯލް ކުރުމުން އައްޑޫ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ މުޅިން ހައްލު ވާނެ ކަމަށެވެ.

ނިމާލް އަކީ އައްޑޫ އިން ކަރަންޓް ކެޑޭ މައްސަލަ ދިމަވާ ކޮންމެ ފަހަރަކު އިންޖީނުތަކަށް ބޭނުންވާ ސްޕެއާ ގަންނަ ވާހަކަ އާއި ހައްލަކީ އިތުރު ޖަނަރޭޓަރެއް އައްޑޫއަށް ގެނައުން ކަމަށް ވިދާޅުވާ ބޭފުޅެއް ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ސިފަކުރެއެވެ. އެގޮތުން މީގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިން އައްޑު އަށް ދެ މެގަވޮޓްގެ އިންޖީނެެއް ގެނައުމާ ގުޅޭ ގޮތުން ނިންމަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ނިމާލް ވަނީ ހާމަކުރައްވާފައެވެ.

" އަހަރުމެން ޤަބޫލެއް ނުކުރާނަން. ސްޕެއާ ގަންނަ ވާހަކަ ބުނެފަ ފަހުން އެބަ ޑޮލަރު ނުލިބުނޭ..ތީ ދެން ކަރަންޓް އަގުގެ ކަންތައް ފަސް އަޅާ ފޮރުވަން ދައްކާ ވާހަކަ " ، 'އައްޑޫލައިވް' އާއި ވާހަަކަ ދައްކަމުން ހިތަދޫގެ ވިޔަފާރިވެރިއަކު ބުންޏެވެ.

އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު 1.2 މެގަވޮޓްގެ ދެ ޖަނަރޭޓް ވެސް ގެންގޮސް މިހާރު އިންސްޓޯލްކޮށްފައިވި ނަމަވެސް ދޭތެރެ ދޭތެރެ އިން ކަރަންޓް ކަނޑައިގެން ދިއުމަކީ އައްޑޫގައި ވަރަށް އާންމު ކަމެކެވެ.

އައްޑޫގެ އިންޖީނުގޭގެ ހާލަތު އާއްމުންނަށް ގެނެސްދޭ ކަމަށް ބުނެ ބިރު ދައްކާ ކަމަށް އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފުން މީގެ ކުރިން ވެސް ހާމަކޮށްފައިވާއިރު ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑޭ މައްސަލައިގެ ތަފްސީލެެއް ދިނުމަށް ތަނުގެ ވެރިން އަބަދުވެސް ދެކޮޅު ހައްދަވައެވެ.