Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ލަންކާގެ ބޯޓެއް ޖޫރިމަނާކޮށް ދައުލަތަށް ނަގައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި އަވައްޓެރި ސްރީ ލަންކާ ބޯޓެއްގެ ވެރިމީހާ 700،000ރ. އިން ޖޫރިމަނާކޮށް، އެ އުޅަނދާއި އުޅަނދުގައި ހުރި ވަސީލަތްތަކާއި، މުދާ ދައުލަތަށް ނެގުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ލަންކާގެ އުޅަނދެއް ކަމުގައިވާ "ސުދިސަ ޕުތަ 02" ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަންކޮށްފައި ވާތީ އެވެ. އެގޮތުން އުޅަނދުގެ ވެރިފަރާތް ޕީއެސްއެސް ފަނެންޑޯ ޖޫރިމަނާކޮށް އޭނަ އަށް ފިޝަރީޒް މިނިސްޓްރީން ފޮނުވާފައިވާ ޕެނަލްޓީ ނޯޓިސްގައިވާ ފައިސާ އަކީ އޭނާ ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅައި ދިނުމަށް ދައުވާގައި އެދިފައިވެ ވެ.

ނަމަވެސް ހުކުމާ ހަމައަށް ވެސް އެ ފައިސާ ދައްކައިފާ ނުވާތީ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް އެކީ އެއްފަހަރާ ދައުލަތަށް ލިބޭގޮތް ހެދުމަށާއި މި އުޅަނދު ދައުލަތަށް ނަގައިދިނުމަށް ދައުވާކޮށްފައިވެ އެވެ.

ދައުވާއާ ގުޅިގެން ސިވިލް ކޯޓުން ވަނީ، 700،000ރ. އަކީ ޕީއެސްއެސް ފަނެންޑޯ ފިޝަރީޒް މިނިސްޓްރީއަށް ދައްކަން ޖެހޭ ފައިސާކަމަށް ކަނޑައަޅައި، އިއްޔެއިން ފެށިގެން 15 ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން ބޭނުންކުރި އުޅަނދާއި އެ މުދަލުގެ ވަސީލަތްތަކާއި، އާލާތްތަކާއި މުދަލާއި ކުށްކުރުމުގައި ބޭނުންކޮށްފައިވާ އެންމެހާ ތަކެތި ދައުލަތަށް ނެގުމަށް ވެސް ވަނީ ހުކުމްކުރި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަވައްޓެރި ގައުމުތަކުގެ މަސްވެރިން ވަދެ، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިފަދަ މައްސަލަތަކުގައި އެތައް އުޅަނދެއް ހިފަހައްޓާފައިވެ އެވެ.