Last Updated: May 3, 13:35
Friday, May 3, 2024
ޚަބަރު

ކޮންގްރެސް ޕާޓީ ގޮވައިގެން އާމިރު ޕޮލިހަށް!

ހުކުރު ދުވަހު އިންޑިއާގައި ފަށާ ލޯކް ސަބާ އިންތިހާބުގައި އިދިކޮޅު ކޮންގްރެސްގެ ކެންޑިޑޭޓުންނަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ތާއީދުކޮށް، އެ ޕާޓީ އެންޑޯޒްކޮށްފައިވާ ކަމަށް ބުނެ ދައުރުކުރަން ފެށި ވީޑިއޯއެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.

އާމިރުގެ ފަރާތުން އެ މައްސަލަ މުމްބާއީ ފުލުހުންގެ ސައިބަ ކްރައިމް ސެލް އަށް ރިޕޯޓްކޮށް ބުނެފައި ވަނީ އޭނައާ ގުޅުވައިގެން މުޅިން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ބޭނުމެއްގައި އޭނަ ނަން ބޭނުންކުރާތީ ވަރަށް ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

ވީޑިއޯގެ ދައުރުކުރަން ފެށުމާ ގުޅިގެން އާމިރުގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ އެއްވެސް ސިޔާސީ ޕާޓީއެއް އޭނަ އެންޑޯސްނުކުރާ ކަމަށާއި ސިޔާސީ އެއްވެސް ކަމެއްގައި އާމިރު ދުވަހަކު ވެސް ބައިވެރި ނުވާ ކަމަށެވެ. އަދި އޭނަގެ 35 އަހަރުވީ ފިލްމީ ކެރިއަރުގައި ސިޔާސީ އެއްވެސް ޕާޓީއެއް ޕްރޮމޯޓްކޮށްފައި ނުވާ ކަމަށާއި އިންތިހާބުތަކަށް ހޭލުންތެރިކަން އުފެއްދުން ފަދަ ކަންކަން ވެސް 59 އަހަރުގެ އެކްޓަރު ކޮށްފައި ވަނީ އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ގުޅިގެން ކަމަށެވެ.

އެގޮތުން މި ފަހަރުގެ އިންތިހާބުގައި ވެސް ވީހާ ވެސް ގިނަ ބަޔަކު ނުކުމެ ވޯޓް ދޭން އާމިރު އެދޭ ކަމަށާއި އެކަމަކު ވަކި ބަޔަކަށް ވޯޓް ދޭން އޭނަ ނޭދޭނެ ކަމަށް ބަޔާނުގައި ބުނެފައިވެ ވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އިންތިހާބު ކުރިއަށް ދާނީ މި މަހުގެ 19 އިން ޖޫން 1 އަށެވެ.