Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

މިއަދުގެ މެންދުރަށް: ކުކުޅު ބިރިޔާނީ

* ބޭނުންވާ ތަކެތި:

1 ކިލޯ ކަރީކަޓް ކުކުޅު (ހަންގަނޑު ނުލައި)
2 1/2 ޖޯޑު ހަނޑޫ
1/2 މޭޒުމަތީ ސަމުސާ ދިރި ޕައުޑަ
2 މޭޒުމަތީ ސަމުސާ ކޮތަންބިރު ޕައުޑަ
1 މޭޒުމަތީ ސަމުސާ ދަވިއްގަނދު ޕައުޑަ
1/2 ސައިސަމުސާ ރީނދޫ
1/2 1 މޭޒުމަތީ ސަމުސާ ތެޅިމިރުސް
5 ފެނު ކެއްކި ބިސް
3 ބޮޑު ފިޔާ
1 ޖޯޑު ފެހި އޮށް (ދޮވެ ފުރާނާފައި)
10 ކާފޫރުތޮޅި
6 އިންޗީގެ ރާނބާފަތް
5 ލޮނުމެދު
1/2 ގިތެޔޮ މިރުސް
1 ޖޯޑު ކަނަމަދު
1 ޖޯޑު މޭބިސް ކަދުރު
5 އިންޗީގެ ފޮނިތޮށި
3 ހިކަނދިފަތް
1 އިންޗީގެ އިނގުރުކޮޅެއް
6 މޭޒުމަތީ ސަމުސާ ތެޔޮ
1 ސައިސަމުސާ ފިނިފެން
ލޮނު

– ހަވާދުގަނޑު ހެދުން:

1. ލޮނުމެދާއި އިނގުރުކޮޅު ކުޑަކޮށް ކޮށާލުމަށްފަހު މިކްސަރަށް އަޅާލާށެވެ. އަދި އެއާއިއެކު ދިރި، ދަވިއްގަނދު، ކޮތަންބިރި، ތެޅިމިރުސް، 5 ކާފޫރުތޮޅީގެ އޮށް، 1 އިންޗީގެ ފޮނިތޮށިކޮޅަކާއި, 1 ސައިސަމްސަލުގެ ލޮނު ކޮޅެއްވެސް އަޅާލާށެވެ.
2. މިކްސަރު ޖައްސައި އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ. ބޭނުމިއްޔާ 2 މޭޒުމަތީ ސަމުސަލުގެ ފެންކޮޅެއްވެސް އަޅާލެވިދާނެއެވެ.
3. ޕޭސްޓްގަނޑު ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ.

– ފިޔާ، ކަނަމަދު އަދި މޭބިސްކަދުރު ތައްޔާރު ކުރުން:

4. ފިޔާތައް ތުނިކޮށް ކޮށާށެވެ.
5. ބޮޑު ތެއްޔެއްގައި ދެ މޭޒުމަތީ ސަމުސަލުގެ ތެޔޮ ހޫނު ކުރުމަށްފަހު އެއަށް ކޮށި ފިޔަލުގެ ދެބައިކުޅަ އެއްބައި އަޅާލާށެވެ.
6. ފިޔާތައް ރަތްވާން ފެށުމުން ކަނަމަދުތަކާއި މޭބިސްކަދުރުކޮޅު އޭގެ ތެރެއަށް އަޅާލާށެވެ.
7. ފިޔާކޮޅުއެއްކޮށް ރަތްވަންދެން ކައްކާށެވެ.

– ކުކުޅު ކެއްކުން:

8. ތެއްޔެއްގައި ދެ މޭޒުމަތީ ސަމުސަލުގެ ތެޔޮ ހޫނުކުރާށެވެ.
9. ހޫނުވުމުން ބާކީހުރި ފިޔާކޮޅާއި، 3 ހިކަނދިފަތް، 3 އިންޗީގެ ރާނބާ، 2 އިންޗީގެ ފޮނިތޮށި އަދި ކޮޅު ކަނޑާލާފައިވާ 3 ކާފޫރުތޮޅި ތެއްޔަށް އަޅާލާށެވެ.
10. ފިޔާތަށް ރަތްވާން ފެށުމުން ކުރިން ހަވާދުތައް ހޭކި ކުކުޅުތައް ތެއްޔަށް އަޅާލާށެވެ. ކުކުޅާއިއެކު 1/2 ޖޯޑު ފެނާއި ގިތެޔޮމިރުސްވެސް އަޅާށެވެ.
11. މަތި ޖަހާފައި ބަހައްޓައިގެން 30-20 މިނެޓުވަންދެން މަޑު ގިނީގައި ކައްކާށެވެ. އުނދުން ނިވާލުމުގެ ކުރިން ލޮނު ހެޔޮވަރު ކުރާށެވެ.

– ބަތް ކެއްކުން:

12. ރަނގަޅަށް ހަނޑޫ ދޮންނާށެވެ.
13. ތެއްޔަކަށް 4 ޖޯޑު ފެން، 3 އިންޗީގެ ރާނބާ، 2 ކާފޫރު ތޮޅި، 2 މޭޒުމަތީ ސަމުސާ ތެޔޮ، ބާކީ ހުރި ފޮނިތޮށިކޮޅު، ރީނދޫ އަދި ދޮޅު ސަމުސާ ލޮނާއިއެކު ހަނޑޫކޮޅު އަޅާށެވެ. މި ރެސެޕީގައި 4 ޖޯޑު ފެން އަޅަން ބުނިނަމަވެސް ފެން އަޅާއިރު ހަނޑުލުގެ މަތިން 1/2 އިންޗިއެއް ހާވަރަށް އުސްކޮށް ފެން ހުންނާނެ ގޮތަށް ފެން އެޅީމައި ރަނގަޅުވާނެއެވެ. މާ ފެން ގިނަ ވެއްޖިއްޔާ ބަތްގަނޑު ޗަސްވެދާނެތީއެވެ.
14. ހަނޑޫތައް ރަނގަޅަށް މަޑުވަންދެން ކައްކާށެވެ.

– ބިރިޔާނީ ތައްޔާރު ކުރުން:

15. މަތި ޖެހޭނެ ބޮޑު ތެއްޔެއް ހޯދާށެވެ. އަހަރުމެން ބޭނުންކުރި ތެލީގެ ޑަޔަމީޓަރުގައި ހުރީ 10 އިންޗިއެވެ.
16. ކުކުޅުބިސްތައް ފަޅާލާށެވެ.
17. ކެއްކި ބަތްކޮޅުގެ ދެބައިކުޅަ އެއްބައި ތެލީގެ ތެރޭގައި ފަށަލައެއްހެން ފަތުރާލާށެވެ.
18. އޭގެ މަތީގައި ކެއްކި ކުކުޅުތަކުގެ ދެބައިކުޅަ އެއްބައި އަތުރާލާށެވެ.
19. ކުކުޅު ތަކުގެ މަތިން ފެހިއޮށުގެ ދެބައިކުޅަ އެއްބައި ފަތުރާލާށެވެ.
20. ފެހިއޮށް ފަށަލައިގެ މަތީގައި ކުކުޅުބިސް ފަޅިތަކުގެ ދެބައިކުޅަ އެއްބައި އަތުރާލާށެވެ.
21. ބިސްތަކުގެ މައްޗަށް ފިޔާ، ކަނަމަދު އަދި މޭބިސްކަދުރުގެ ދެބައިކުޅަ އެއްބައި އަޅާލާށެވެ.
22. އަނެއްކާވެސް މަތީގައިވާ ގޮތަށް ފަށަލަތައް ހަދާ ހުރިހާ އެއްޗެއް ހުސްކޮށްލާށެވެ.
23. ސައިސަމުސަލެއްގެ ފިނިފެން އިނގިލިތައް ބޭނުންކޮށްގެން ތެލީގެ ތެރެއަށް ބުރުވާލާށެވެ.
24. ދެން ތެލީގެ މަތި ޖަހާފައި އުނދުން މައްޗަށް އުދާ ވަރަށް މަޑު ގިނީގައި 20-15 މިނެޓު ވަންދެން ބަހައްޓާލާށެވެ.

ރެސިޕީ: ލޮނުމެދު