Last Updated: April 30, 10:42
Tuesday, April 30, 2024
ކުޅިވަރު

ބާސާ ކަޓުވާލައި ޕީއެސްޖީ ސެމީ އަށް

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާ 4-1 އިން ބަލިކުރުމަށް ފަހު މުބާރާތުގެ ސެމީފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.

މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 3-2 އިން ކާމިޔާބު ކުރީ ބާސާ އިންނެވެ. ޕީއެސްޖީ ސެމީ އަށް ދަތުރުކުރީ 6-4 ގެ އެގްރިގޭޓް ނަތީޖާ އަކުންނެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓްގައި ބާސާ އިން ވަނީ ލީޑު ނަގާފަ އެވެ. ޔަމީން ޔަމާލް ދިން ރީތި ޕާހަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ރަފީނިއާ އެވެ. މި ގޯލަށް ފަހު ބާސާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް އެޓީމަށް މައްސަލަތަކެއް ދިމާވީ މެޗުގެ 29 ވަނަ މިނެޓްގައި ޑިފެންޑަރު ރޮނަލްޑް އަރައުހޯ އަށް ދެއްކި ރަތްކާޑާ އެކު އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޕީއެސްޖީގެ ބްރޭޑްލީ ބާކޯލާ އަށް ބާސާގެ އޭރިއާގެ ބޭރުން ކުރި ފައުލަކާ ގުޅިގެންނެވެ.

މެޗުގެ ބޮޑު ބައި ބާސާ އިން 10 ކުޅުންތެރިންނާ އެކު ފުރިހަމަ ކުރަން ޖެހުނުއިރު މެޗުގެ 40 ވަނަ މިނެޓްގައި ބާސާ އަށް ކުރިން ކުޅުނު އޮސްމާނޭ ޑެމްބެލޭ ވަނީ ޕީއެސްޖީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 54 ވަނަ މިނެޓްގައި ވިޓީނިއާގެ ގޯލުން ޕީއެސްޖީ ލީޑު ނެގިއިރު، މެޗުގެ 61 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. ޕީއެސްޖީގެ ފަހު ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ.

ސެމީގައި ޕީއެސްޖީ ބައްދަލުކުރާނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއާ އެވެ. ޑޯޓްމަންޑުން ސެމީ އަށް ދަތުރުކުރީ އެތްލެޓިކޯ މެޑްރިޑް 4-2 އިން ބަލިކުރުމަށްފަހު އެވެ.