Last Updated: May 1, 14:38
Wednesday, May 1, 2024
ރިޕޯޓް

ކައުންސިލުގައި ނުދެއްކުނު ގާބިލުކަމެއް މަޖިލީހުގައި ދެއްކިދާނެތަ؟

އިންތިޚާބެއްގައި ވާދަކުރާ ކެންޑިޑޭޓުން މިނެ ކިރުމަށް ބޭނުންކުރާނެ އެއް އާލާތަކީ އިންތިޚާބީ މަޤާމުތަކުގައި އެމީހުންގެ ޓްރެކް ރެކޯޑެވެ. އޭޕްރީލް 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޝުއާއު ވާދަކުރާއިރު އެމަގާމުގައި ފާއިތުވި 3 އަހަރެއްހާ ދުވަހު ޝުއާއު ދެއްކެވި ޕާފޯމަންސަށް ބަލާލުން އެއީ މުހިއްމު ކަމެކެވެ.

އެމްޑީޕީ ޓިކެޓުގައި ވާދަކޮށް 2021 ވަނަ އަހަރު ޝުއާއު އައްޑޫ ސިޓީ ކައުންސިލަށް އިންތިޚާބުވީ ދާއިރާގެ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވުމަށްފަހު އަދި ޚާއްސަގޮތެއްގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް ވަޢުދުވެގެންނެވެ. ދާއިރާގެ ވަޒީފާގެ ފުރުސަތު ހޯދޭނެ މަގުތަކާއި އައްޑޫގެ ވަޅުޖެހިފައިވާ އިގްތިސާދު ހަރުދަނާ ކުރުމަށް ވައުދުވެގެންނެވެ. އައްޑޫގެ ޒުވާނުން ކުޅިވަރުގެ މައިދާނުގައި އިންޓަނޭޝަނަލް ފެންވަރަށް ގެންދާނެ ކަމަށް ވެސް ޝުއާޢު ވައުދުވިއެވެ. އެހެން ނަމަވެސް މީގެ ތެރެއިން ގިނަ ވައުދުތައް މިހާރު ހުރީ ސޯޝާލް މީޑިޔާގެ [މީމް] ކެޓަގަރީގައެވެ.

ޝުއާއު ކައުންސިލަށް އިންތިޚާބުކޮށް ހަވާލުކުރި ޒިންމާ އަދާކުރުމުގެ ބަދަލުގައި ކައުންސިލަރު ގޮނޑި ދޫކޮށް މަޖްލިސްއަށް ދިއުމަށް ނިންމިއިރު، ޝުއާއު ދަނީ ތަކުރާރުކޮށް އޭނާ އައްޑޫ ސިޓީ ކައުންސިލްގައި 3 އަހަރު ޚިދުމަތްކުރި ކަމަށް ބުނެ އެވާހަކަ ދައްކަމުންނެވެ. އެހެންކަމުން ވެސް އައްޑޫ ސިޓީ ކައުންސިލްގައި ފާއިތުވި 3 އަހަރު ދުވަހު ދެއްކެވި ޕާފޯމަންސަށް ބަލަން ޖެހެއެވެ.

ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރުކަމަށް ޝުއާއު އިންތިޚާބުވެ، އަދި އައްޑޫ ކައުންސިލަރުންގެ މެދުގައި ނެގުނު ވޯޓުން އައްޑޫ ޑެޕިއުޓީ މޭޔަރ ކަމަށް ޝުއާއު 2021 މޭއި 16 ވަނަ ދުވަހުގެ ރޭ ނިންމުމާއި އެކު ޝުއާއުގެ ޒިއްމާ އެހެން ކައުންސިލަރުންނަށްވުރެ ޤާނޫނީ ގޮތުން ބޮޑުވެގެންދިޔައެވެ.

ނަމަވެސް ޑެޕިއުޓީ މޭޔަރު ކަމުގެ ބޮޑު ޒިންމާ އަދާކުރަމުން މި ފާއިތުވި 3 އަހަރު ދުވަހުގެ ތެރޭގައި ކައުންސިލް ތެރެއިން ވެސް ލިބެން ހުރި މައުލޫމާތަށް ބަލާއިރު ޝުއާޢުގެ ޕާފޯމަންސް ވަރަށް ދަށްކަން ފާހަގަކުރެވެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުންގެ ތެރެއިން ކައުންސިލަށް އެންމެ ގިނައިން ގަޑި ޖެހުނު އަދި އޮފީހަށް އެންމެ ގިނައިން ހާޒިރުނުވާ ކައުންސިލަރަކީ ވެސް ޝުއާއުއެވެ. މީގެ އިތުރަށް ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާއި ޝުއާއު އާއި ދެމެދު ވެސް މައްސަލަތައް ޖެހި އެވާހަކަ ސޯޝަލް މީޑިޔާ އާއި ހަމައަށް ވެސް ތިލަވެފައި އެބަހުއްޓެވެ.

ސީދާ ޝުއާއުގެ ހުށަހެޅުމާއި އެކު ގޯތިތައް ނަގަން ނިންމުން؛

ސިޔާސީ އާ ހަރުފަތަކަށް ދިއުމަށް މަޖިލިސް އިންތިޚާބަށް ޝުއާއު ނިކުމެ ހުރިއިރު، އައްޑޫ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ އޭނާގެ ޑެޕިއުޓީ މޭޔަރު ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މާލީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނު ހަނދާން އާކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޑެޕިއުޓީ މޭޔަ ޝުއާއު އިސްވެ ހުރެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ރައްޔިތުންގެ އަތުން ނިގުޅައިގަތުމެވެ.
ކައުންސިލުން ވަރަށް އަވަސް އަރުވާލައިގެން މިކަންތައް ނިންމާލި ގޮތުގެ ތަފްސީލު ތިލަވިއިރު، އެނގުނީ މިއީ ސީދާ ޑެޕިއުޓީ މޭޔަރ ޝުއާއު އިސްވެ ކައުންސިލަށް ހުށަހަޅައި، އަދި ޚުދު އޭނާ އެހެން ކައުންސިލަރުންނަށް ގުޅައި ވޯޓު ހޯދައިގެން ސިއްރު ޖަލްސާއެއް ބާއްވައި ނިންމި ނިންމުމެކެވެ. މި ނިންމުމާއި ގުޅިގެން ގޯތިތަކުގެ ވެރިފަރާތްތަކުން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓާއި ހިސާބަށް ދިޔައިރު، އެކޯޓުން ނިންމައިފައިވަނީ ގޯތިތައް ނެގުމަށް ޝުއާއު އިސްވެ ހުރެ ނިންމީ ފުރިހަމަ ކުރަންޖެހޭ ޢިޖުރާޢާތުތައް ފުރިހަމަކުރުމެއް ނެތި ޤާނޫނާއި ޚިލާފަށް ކަމަށެވެ.

ގޯތިތައް ރައްޔިތުންގެ އަތުން ނިގުޅައިގަތުމާއި ގުޅިގެން އައްޑޫގެ އެތައް ރައްޔިތުންނެއް ވަނީ އެ ގޯތި ތައް ހޯދުމަސް ކޯޓުތަކަށް ގޮސް އެތައް ފައިސާއެއް ހަރަދުކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހައި ކޯޓުން ކުރި ހުކުމާއި އެއްގޮތަށް އަދިވެސް ރައްޔިތުންނަށް ބިން ހަވާލެއް ނުކުރެއެވެ.

ޕިކްނިކް އައިލެންޑް ޕްރޮޖެކްޓުން ރައްޔިތުން ބޮލުގައި 30 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް.

އައްޑޫ ސިޓީ ރުއްޖެހެރަ ސަރަހައްދުގައި ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ޝުއާއު އިސްވެ ހުރެ ފެށުމާއި އެކު އެކަމުގައި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ހުއްދަ ނަގަންޖެހޭ ކަމަށް ގިނަ ބަޔަކު ފާހަގަކުރިއެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް ފަރުވާލެއް ނުބަހައްޓައި އެ މަސައްކަތް ކުރިއަށް ގެންދިޔައިރު އާޚިރު ނަތީޖާއަކަށް ވީ އައްޑޫ ސިޓީ ރައްޔިތުންގެ ބޮލުގައި ބޮޑު އަދަދެއްގެ ޖޫރިމަނާއެއް އެޅިގެން ދިއުމެވެ.

ހަންކެނޑެ ސަރަހައްދުގައި ދިވެހި ރާއްޖޭގެ ތިމާވެއްޓާއި ބެހޭ ގާނޫނާއި ހިލާފަށް ރުއްޖެހެރަ ސަރަހައްދުގައި ހުރި އެތައް ރުއްގަހެއް ކަނޑައި، އަދި އެ ސަރަހައްދުގައި ހުރި އާނުގަނޑުތައް ނަގައި، ހޭޅިފަށަށް ބަދަލުތައް ގެނެސް ހިތެއްގެ ބައްޓަމަށް ފެންގަނޑެއް ވެސް ކޮނެފައިވެއެވެ. އެ މައްސަލަ ބަލައި އެންވައިރަމެންޓު ޕްރޮޓެކްޝަން އޮތޯރިޓީ އިން ވަނީ އައްޑޫ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައެވެ.

މި ޖޫރިމަނާ މައާފްކޮށްދިނުމަށް ކައުންސިލުން މިދިޔަ ސަރުކާރުގައި ހުށަހެޅި ނަމަވެސް އަދިވެސް އެކަމާޢި މެދު ވަކި ގޮތެއް ނިންމައިފައި ނުވެއެވެ. ރުއްޖެހެރަ ސަރަހައްދުގައި ޕިކްނިކް އައިލެންޑް ހެދުމަށް މަސައްކަތް ކޮށްފައިވަނީ ކައުންސިލާއި އަމިއްލަ ޖަމިއްޔާ އަކުން ގުޅިގެން ކަމަށް ވާއިރު، ކައުންސިލްގެ ބަޖެޓުން ވެސް މިކަމަށް ޚަރަދުތައް ކޮށްފައިވެއެވެ.

ރުއްޖެހެރަ މައްސަލައިގައި ދޮގު މައުލޫމާތު ހިއްސާކުރުން؛

ރުއްޖެހެރަ ސަރަހައްދުގައި ޕިކްނިކް އައިލޭންޑް ހަދަން ޝުއާއު އިސްވެހުރެ މަސައްކަތް ކުރި މަންޒަރު ފެންނަ ފޮޓޯތައް ސޯޝަލް މީޑިޔާގައި ކައުންސިލުން ވެސް އާއްމުކުރިއެވެ. އެހެން ނަމަވެސް، އެންވައިރަމެންޓު ޕްރޮޓެކްޝަން އޮތޯރިޓީ އިން މައްސަލަ ބަލަން ފަށައި މައުލޫމާތު ހޯދަން ކައުންސިލްގައި އެދުމުން ކައުންސިލުން ބުނެފައިވަނީ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. ކައުންސިލުން އީޕީއޭއަށް ފޮނުވި ސިޓީގެ ކޮޕީއެއް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ. ކައުންސިލުން އެގޮތަށް ޖަވާބު ދިނަސް އީޕީއޭއިން ވަނީ އެ ސަރަހައްދަށް ގެނެސްފައި ހުރި ކައުންސިބަދަލުތައް ގޫގުލްގެ މެޕްގެ ޓައިމްލައިނުން ބަލައި ކައުންސިލް ޖޫރިމަނާކޮށްފައެވެ.

ޢިޖުރާޢަތާއި ޚިލާފަށް ގޮތް ނޭނގޭ ކުންފުންޏަކަށް ބިމެއް ދޭން ކުރި މަސައްކަތް؛

ވިޒިއޯންވިލާ ކިޔާ ބަޔަކާއި ހެދި އެއްބަސްވުމެވެ. ވިޒިއޯން ވިލާއަށް ހިތަދޫން ބޮޑު ބިމެއް ދިނުމަށް ނިންމައި އެމައްސަލަ ކައުންސިލަށް ހުށަހެޅީ ވެސް ޝުއާއުއެވެ. އެ މައްސަލާގައި ކައުންސިލްގެ ޗެމްބަރުގައި ކައުންސިލަރުންގެ މެދުގައި ބަހުގެ ހޫނު ޒުވާބު ހިނގި އިރު މި ޕްރޮޖެކްޓަކީ ސީދާ ބޮޑު ޖަރީމާއެއްކަމަށް ކައުންސިލަރުން ވަނީ ތުހުމަތުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެއްލައްކަ އަކަފޫޓުގެ ބިމެއް ވިޒިއޯން ވިލާއަށް ކައުންސިލުން ދީފައިވާ އިރު މިއީވެސް ޝުއާއު އިސްވެ ހުރެ ކައުންސިލުން ހިންގާފައިވާ ބޮޑު ސްކޭމެކެވެ. މި މައްސަލަ އާއްމު ބަޔަކު ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.

އައްޑޫގެ ބައެއް ކައުންސިލަރުން ބުނާ ގޮތުގައި ކައުންސިލްގެ ހިންގުމަށް ހުރި އެންމެ ބޮޑު ހުރަހަކީވެސް ޑެޕިއުޓީ މޭޔަރެވެ. ޑެޕިއުޓީ މޭޔަރގެ ނުފޫޒު މުޅި ކައުންސިލަށް އޮތް އިރު މޭޔަރ ނިޒާރު އަކީ ބައެއް ކައުންސިލަރުން ބުނާގޮތުން މިހާރު ރަމްޒީ މީހެކެވެ.

ކައުންސިލްގެ އިދާރީ މުވައްޒަފުން ބުނާ ގޮތުން މިވަރުގެ ނާގާބިލް ޑެޕިއުޓީ މޭޔަރެއް އަދި އައްޑޫ ކައުންސިލަކަށް ހޮވާފައި ނުވެއެވެ. ގިނަ ކައުންސިލަރުންނާއި ހަތަރު ކަޅި ހަމަކޮށް ވާހަކަ ނުދައްކައެވެ. ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ގުޅުމެއް ނޯވެއެވެ.

ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް!

ޝުއާއު އާއި ކޮރަޕްޝަން ގުޅުވައި އެންމެ ގަދައަށް ވާހަކަ ދައްކަނީ ކައުންސިލްގެ ޖަލްސާތަކުގައި ކައުންސިލަރުންނެވެ. އައްޑޫ ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާއިން ބައެއް ކައުންސިލަރުން ޝުއާއުއަށް ބޮޑެތި ކަރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެގޮތުން ފުވައްމުލަކު މަގު ހެދުމަށް އިންޑިއާގެ އެމްއެމްއެކްސްޕޯޓުން ގެނައި ގިނަ އަދަދެއްގެ ހިލަ އާއި ހިލަވެލި ފޭދޫ ބަދަރުގައި ބެހެއްޓުމަށް ކައުންސިލުގެ ނިންމުމެއް ނެތި ދީފައިވަނީވެސް ކަރަޕްޝަންގެ ތެރެއިން ކަމަށް ކައުންސިލަރުން ދިޔައީ ތަކުރާރުކޮށް ތުހުމަތު ކުރަމުންނެވެ. ކައުންސިލަރުންނަށް ޝުއާއު ނުފޫޒު ފޯރުވައި އޭގެ ގިނަ ޝަކުވާތަކަށް އިޖާބަ ދީފައި ނުވެއެވެ.

މީގެ އިތުރުންވެސް ވިޒިއޯން ވިލާ އާޢި އެކު ކުރެވުނު އެއްބަސްވުމާއި, ގާބިލްކަމެއްނެތް ޕޭޕަރ ކުންފުންޏަކަށް ފޭދޫގައި ޔޮޓް މެރީނާ އަޅަން ދިނުމުގައިވެސް ކަރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ޝުއާއު އަށް ކައުންސިލަރުންކޮށްފައިވެއެވެ.

ހިތަދޫ ލިންކު ރޯޑުގައި ކުރިން އެޕޯލޯއިން ބޭނުންކުރި ގުދަން ކުއްޔަށް ދިން ނިންމުމަކީވެސް ޝުއާއުއަށް ސީދާ ކަރަޕްޝަންގެ ތުހުމަތު ކައުންސިލަރުން ކުރަމުން އަންނަ ކަންކަމެވެ.

ގާބިލުކަމެއް ނެތް, ނަތީޖާ ސުމެއް!

ޝުއާއުގެ ގާބިލް ކަމާއި މެދު އެ ދާއުރާގެ ރައްޔިތުންވެސް ތިބީ މާޔޫސްވެފައެވެ. ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝުއާއު އާއި މެދު ހިތްޖަމަ ނުޖެހި ތިބި އެންމެ ބޮޑު އެއްސަބަބަކީވެސް ކައުންސިލަރެއްގެ ހައިސިއްޔަތުން ދާއިރާގެ ރައްޔިތުންނާއި ގުޅުމެއް ނުބޭއްވުމެވެ.

"އައްޑޫއެ ހިގުވާ އެންމެ ބޮޑަ އެއްކަމަކީ މި މަގަ ހެދުން, މިމަގަ ހަދާކޯ އެކަން ބަލާ ކައުންސިލުން ކެރި އެއްވެސްކަމަށް އައްޑޫ އެއްވިޔަސް ރައްޔިތަށް ދައްކަފެލަ, މިގޭ މަގަ ކެނެފެއި އޮންނަތާ 6 މަސްވީ ކޯ އެތައް ދުވަހަކި ތެ ޝުއާއުއަށް ގުޅިން, ގިނަ ފަހަރަ ފޯނާއް ނިނަގައި, މަގަ މަތިން މަޑަކެރުވަގެން ބައްދަލަ ކެރާ މިޖެހެނީ, މިވަރުން ކެހެނަކަށް" ހިތަދޫ މެދު ދާއިރާގެ އާއްމު ރައްޔިތަކު ބުންޏެވެ.

ދާއިރާގެ ރައްޔިތުން ބުނާ ގޮތުން ކައުންސިލަރެއްގެ ހައިސިއްޔަތުން ޝުއާއު އަށް ކުރެވޭނެ އެތައް ކަމެއް އޭނާގެ ގާބިލްކަމެއް ނެތުމުން ވަނީ ނުކުރެވިއެވެ.

"ޝުއާއު ޓެސްޓުވެގެ, އަފިއްނަ ކެރެވެނެ މުއަކަމަށް ޝުއާއު ކައުންސިލަށް ހޮވުމަކީއަސް, ދެން މަޖްލިސްއަށް ގޮސް ކޮންކަމަށް މިދާއިރާއަށް ކޮށްދިޔޭނެއި, ކައުންސިލެއް ނިވީކަމަށް މަޖްލިސްއަށް ގޮސް ކޮށް ނިދިޔޭހެއް, ކަމުން ކަން ބަލާކެއި މުސްކުޅިން ބެނަނީ" ޝުއާއު އާއި މެދު މާޔޫސްވެފައިވާ މެދު ދާއިރާގެ ރައްޔިތަކު ބުންޏެވެ.

މަޖްލިސް ބަހުސްގައި ޝުއާއު ހެދީ ހުސް ދޮގު!

މަޖްލިސް އިންތިހާބުގައި ޔޭސް ޓީވީއިން ގެނެސްދިން ބަހުސްގައި ޝުއާއު ގިނަ ދޮގުތަކެއް ހެދިކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ބަހުސްގައި ޝުއާއު ވަނީ ދާދި ފަހުން އައްޑޫން ދޫކުރި 1000 ގޯއްޗަކީ ސީދާ އޭނާ އިސްވެ ހުރެ ދިން އެއްޗެއްކަމަށް ބުނެފައެވެ. އެވާހަކަ ތައް ކައުންސިލުން ދޮގު ކުރި އިރު ވަކިވަކި ކައުންސިލަރުންވެސް ތިބީ އެކަމާއި ހިތް ހަމަ ނުޖެހިއެވެ.

އައްޑޫ ކައުންސިލުން ބުނީ ގޯތި ދޫކުރަމަށް ކައުންސިލްގެ ޖަލްސާގައި ވޯޓު ދިނުން ފިޔަވައި ޝުއާއުގެ އިތުރު ދައުރެއް ނެތްކަމަށެވެ. މީގެ އިތުރުންވެސް ހިތަދޫ ކަސަބާ ދަނޑާއި ރަސްމީ ބޯޅަ ދަނޑުގެ މަސައްކަތް ނިންމި ވާހަކަ އާއި ހިތަދޫ ޔޫތު ސެންޓަރަށް ބޭނުންވާ ސާމާނު ހޯދާފައިވާ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެއީވެސް ބުހުތާނު ދޮގުތަކެއްކަމަށް ދާއިރާގެ ރައްޔިތުން ދަނީ ބުނަމުންނެވެ.