Last Updated: May 2, 17:44
Thursday, May 2, 2024
ޚަބަރު

މިހާތަނަށް އިންތިހާބާ ގުޅޭ 41 ޝަކުވާއެއް

އަންނަ ހަފުތާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭ 41 ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިއްޔެ އޮތް އިންތިހާނާ ބެހޭ ގައުމީ ލަފާދޭ ކޮމިޓީގެ ފަސް ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުގެ އާ މެންބަރު އަދި ކުރީގެ ސެކްރެޓަރީ ޖެނެރެލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 39 ޝަކުވާ ބެލުމަށް ފަހު އެ ޝަކުވާތަކަށް މިހާރު ޖަވާބު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް އިންތިޚާބާއި ގުޅޭ ދެ މައްސަލަ އެއް ބަލަމުން އަންނަ ކަމަށެވެ. އަދި ހުރިހާ މައްސަލަަތަކަކީ ވެސް ސީދާ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ކަމަށް ވިދާޅުވެފައެވެ. އިންތިހާބާ ގުޅޭ ގޮތުން އީސީ އަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު ކެމްޕޭން ކުރުމާއި ގުޅޭ ފަސް ޝަކުވާއަކާއި މުވައްޒަފުންނާއި ގުޅޭ ޝަކުވާއެއްގެ އިތުރުން، ވޯޓުލުމުގެ ހައްޤާއި ގުޅޭ 26 ޝަކުވާއަކާއި، ރެޖިސްޓްރޭޝަނާ ގުޅޭ ހަތަރު ޝަކުވާއަކާއި ކެންޑިޑެސީއާ ގުޅޭ ފަސް ޝަކުވާއެއް ހިމެނެ އެވެ.

މީގެ އިތުރުން ވޯޓާސް ލިސްޓާ ގުޅޭ ޝަކުވާތަކެއް ވެސް ހިމެނޭ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

އީސީން އިންތިހާބާ ގުޅޭ އެއްވެސް ޝަކުވާ އެއް އޮތް ނަމަ ގައުމީ ކޮންޕްލެއިންސް ބިއުރޯ އަށް ހުށަހެޅުމަށް އެދިފަ އެވެ. އީސީން ވަނީ އެންޓި-ކެމްޕޭން ކުރާކަން ފާހަގަ ކުރެވިފައިވާތީ އެއްވެސް ކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަކަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަންކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

އީސީން ވަނީ އެންޓި-ކެމްޕޭނާ ގުޅޭ ހެކީގެ ގޮތުގައި ފޮޓޯ/ވީޑިއޯ ފޮނުވަން ހާއްސަ ވަޓްސްއަޕް ނަމްބަރެއް ވެސް ތައާރަފުކޮށްފަ އެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތައިގަ އެވެ. މަޖިލީހުގެ 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ.