Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ޗައިނާގެ ވީޗެޓް ޕޭ ރާއްޖެ ގެންނަން މަޝްވަރާކޮށްފި

އީ-ވޮލެޓްގެ ހދުމަތްތައް ރާއްޖެ އަށް ތައާރަފު ކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ޗައިނާގެ ވީޗެޓާ އެކީ މަޝްވަރާތަކެއްކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި މަޝްވަރާ ކުރިއަށް ގެންދެވީ ދަށުން ވީޗެޓް ޕޭގެ ރީޖަނަލް ޑިރެކްޓަރާ އެކީގަ އެވެ. މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ސޯޝަލް މީޑިއާގައި ވިދާޅުވީ ވީޗެޓް ޕޭ ގެ ރީޖަނަލް ޑިރެކްޓަރާ ބައްދަލު ކުރެއްވީ އިއްޔެ ކަމަށާއި އެ ބައްދަލުކުރެއްވުމުގަައި ރާއްޖޭގައި ވީޗެޓް ޕޭ ފެށުމަށް ގިނަ މަޝްވަރާތައް ކުރެވުނު ކަމަށެވެ.

މިނިސްޓަރު ދުނިޔޭގެ މަޝްހޫރު އީ-ވޮލެޓުތައް ރާއްޖެ އަށް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކޮރެއާ، ޖަޕާން، ޗައިނާ، އެމެރިކާ ސިންގަޕޫރް މެލޭޝިޔާ، އިންޑިއާ، ޔޫއޭއީ ފަދަ ގައުމުތަކުގެ އީ-ވޮލެޓެއް ރާއްޖޭ ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

ބޭރުގެ މަނީ ޓްރާންސްފާ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހީންނަށް ރާއްޖެއިން ބޭރަށް މުއާމަލާތް ކުރެވޭ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ވެސް މެ އެވެ.

އެގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ މަހުގެ ތެރޭގައި ވަނީ މަނީ ޓްރާންސްފާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން އެ ބޭންކުން ކުރިން ބްލޮކްކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭގޮތް ހަމަޖައްސައިފަ އެވެ. ގައުމީ ބޭންކުން އެ ބަދަލާ އެކީ ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓަކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން އެ ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ފަހިވާނެ ކަމަށެވެ.

އެ ކާޑުތަކުގެ އިތުރުން، ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑު ވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލް އިން ބުނެފައިވެ އެވެ.