Last Updated: May 2, 21:16
Thursday, May 2, 2024
މުނިފޫހިފިލުވުން

ދަރިފުޅު އެހީ މަންމަ ކައިވެނި ކުރާނެ އިރެއް!

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ ގާތު އޭނަގެ ދަރިފުޅު އަރުހާން ޚާން ކައިވެނި ކުރަނީ ކޮން އިރަކުންތޯ އަހައިފި އެވެ.

މަންމަ ގާތު 21 އަހަރުގެ އަރުހާން އެ ސުވާލުކޮށްފައި ވަނީ އަރުހާނާ ރައްޓެހިންތަކެއް ގުޅިގެން "ޑަމް ބިރިޔާނީ" ގެ ނަމުގައި ޔޫޓިއުބްގައި ގެނެސްދޭ ފެށި ޝޯގެ ދެވަނަ އެޕިސޯޑްގަ އެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑްގައި އަރުހާންގެ ބައްޕަ އަރުބާޒް ހާނާއި ބޮޑުބޭބެެއެއް ކަމަށްވާ ސޮހައިލް ހާން މެހުމާނުންގެ ގޮތުގައި ބައިވެރިވެ އެވެ.

ޝޯގެ ދެވަނަ އެޕިސޯޑްގެ ޓްރެއިލާގައި މަންމަގެ ކައިވެންޏާ ބެހޭ ގޮތުން އަރުހާން ސުވާލުކުރި އިރު، ދަރިފުޅު ގާތުން ބިކުރު ކެނޑުނީ ކޮން އިރަކުތޯ މަލައިކާ އަހާތަން ޓްރެއިލާގެ އެންމެ ކުރީކޮޅު ފެނެ އެވެ.

އަރުހާންގެ މަންމަ މަލައިކާ، 50 އާއި ބައްޕަ އަރްބާޒް، 56، ކައިވެނި ރޫޅައިލީ 2017 ގަ އެވެ. އެ ދެ މީހުން ކައިވެނިކުރީ 1998 ގަ އެވެ. މަލައިކާ އާއި އަރުޖުން، 38، ރައްޓެހިވީ 2018 ގަ އެވެ. އޭގެ ފަހުން އެ ދެ މީހުން ކައިވެނި ކުރަން އުޅޭކަމުގެ އަޑުތަކެއް އެކި ފަހަރު މަތިން އަރާފައިވެ އެވެ.

ނަމަވެސް އަރުޖުން ތަކުރާރުކޮށް މިހާތަނަށް ބުނަމުން އައިސްފައި ވަނީ ކައިވެންޏަށް އަދި ތައްޔާރު ނޫން ކަމަށެވެ.

އަރުބާޒް ވަނީ ޝޫރާ ޚާން ކިޔާ މޭކަޕް އާޓިސްޓަކާ މި އަހަރުގެ ޖެނުއަރީގައި ކައިވެނިކޮށްފަ އެވެ. އަދި އެ ކައިވެންޏާ މެދު ވަރަށް އުފަލުން ހުރި ކަމަށް ބުނެފައިވެ އެވެ.

އަރުހާންގެ މައިންބަފައިން ވަކިޔަސް، ދަރިފުޅާ އެކީ އެ ދެ މީހުން އެކީގައި ވަރަށް ބަދަހި ގުޅުމެއް ބާއްވަ އެވެ.