Last Updated: May 2, 21:43
Thursday, May 2, 2024
ދީން

އިސްލާމްވި އަންހެނެއްގެ ހަނދާނުގައި މިސްކިތެއް

މިދިޔަ ރޯދަ މަހުގެ ތެރޭގައ ދުބާއީގައި އިސްލާމްވިތާ ފަސް ވަނަ އަށް ވީ ދުވަހު މަރުވި ޔުކްރެއިންގެ އަންހެން މީހާގެ ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމައިފި އެވެ.

އުމުރުން 29 އަހަރުގެ ދާރިއާ ކޮޓްސަރެންކޯގެ ހަނދާނުގައި މިސްކިތް ބިނާކުރަން ހަމަޖެހިފައި ވަނި އޭނަގެ ނަމުގަ އެވެ. އަންހެނުންނާއި ފިރިހެނުންނަށް ވެސް ނަމާދު ކުރެވޭ ގޮތަށް "ދާރިއާ ކޮޓްސަރެންކޯ މޮސްކް" ބިނާކުރަން ނިންމާފައި ވަނީ 613 މީޓަރުގެ ބިމެއްގަ އެވެ.

މި މިސްކިތުގެ ތިރީ ބައި ފިރިހެނުންނަށް ހާއްސަކޮށްފައިވާ އިރު، މަތީގައި ނަމާދު ކުރާނީ އަންހެނުންނެވެ. މިސްކިތުގެ ޑިޒައިން ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ފިރިހެނުން ނަމާދުކުރާ ބައިގައި އެއްފަހަރާ 208 މީހުންނަށް ނަމާދުކުރެވޭނެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އިސްލާމްވި ދާރިއާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އެއީ އޭނަ އިސްލާމްވިތާ ފަސް ވަނަ އަށްވީ ދުވަހު އެވެ. ދާރިއާ އިސްލާމް ދީން ގަބޫލުކުރުމާ ގުޅިގެން އޭނަ އަށް އެކަމުގެ ރަސްމީ ލިޔުން ދާރް އަލް ބޭރު ސޮސައިޓީގެ އިސްލާމިކް އިންފޮމޭޝަން ސެންޓަރުން ހަވާލުކުރީ މާޗް 25 ގަ އެވެ.

ދާރިއާ މަރުވީ ޔޫއޭގައި ދިރިއުޅޭތާ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ. އޭނަ ވަޅުލީ ދުބާއީގެ އަލް ގުސައިންސް ގަބުރުސްތާންގަ އެވެ.

"ދާރިއާ ކޮޓްސަރެންކޯ މޮސްކް" ބިނާކުރަން ހަމަޖެހިފައި ވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީގަ އެވެ. އެގޮތުން މިސްކިތް ބިނާކުރަން ބޭނުން ވަނީ 4 މިލިއަން ދިރުމެވެ. އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ވެސް ވަނީ ލިބިފަ އެވެ.