ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް އެދި އެމްޑީޕީން ރައީސް އަބްދުﷲ ޔާމީނަށް ހުށަހަޅަން ތައްޔާރު ސޮއި ކުރާ ޕެޓިޝަންގައި ސޮއި ކުރުން އައްޑޫ ސިޓީގައި ވަރަށް ފޯރި އާއެކު ކުރިއަށް އެބަދާ ކަމަށް އެމްޑީޕީ މަރަދޫ ދާއިރާ އިން މައުލޫމާތު ދީފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އެމްޑީޕީ މަރަދޫ ދާއިރާގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅާ ބުނި ގޮތުގައި އެ ޕެޓިޝަނުގައި ސޮއި ކުރުން އައްޑޫގެ ހުރިހާ އަވަށްތަކުގައި މިހާރު ކުރިއަށްދާ ކަމަށާއި މިހާރުވެސް ގިނަ އަދަދެއްގެ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ސިޓީގެ އަވަށްތަކުގައި ހުންނަ އެމްޑީޕީ އޮފީސް ތަކުގައި ޕެޓިޝަންގައި ސޮއި ކުރުމުގެ ކަންތައް ކުރިއަށް ގެންދާ އިރު މަރަދޫ ބަނދަރު ސަރަހައްދުގައި ވެސް ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދެއެވެ.
މާލޭގައި ޕެޓިޝަންގައި ސޮއި ކުރުމަށް ބޭނުންކުރި މޭޒެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެކަމާއި ޖެހިލުންވެވަޑައިގަންނަވާތޯ އެހުމުން އޭނާ ބުނިގޮތުގައި އައްޑޫ ސިޓީގެ އެމްޑީޕީ އަކީ ފުލުހުންގެ ހުރަސްއެޅުމަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫންކަމަށެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕެޓިޝަންގައި ސޮއިކުރުން ކުރިއަށް ގެންދާއިރު އަމާޒަކީ އެ ޕެޓިޝަނަށް އައްޑޫން ވަރަށް ގިނަ އަދަދެއްގެ މީހުންގެ ސޮއި ހޯދުން ކަމަށް އޭނާ ބުންޏެވެ.
ނަޝީދު ދޫކޮށްލުމަށް ގޮވާލާ މި ޕެޓިޝަނުގައި ސޮއި ކުރަން އެމްޑީޕީގެ މެމްބަރަކަށް ނުވަތަ އެ ޕާޓީ އާ ގުޅިފައިވާ ޕާޓީއެއްގެ މެމްބަރަކަށް ވާކަށް ވެސް ނުޖެހެ އެވެ. ހެޔޮ އެދޭ ކޮންމެ މީހަކަށް ޕެޓިޝަނުގައި ސޮއި ކުރެވޭނެ އެވެ.