Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

އިންތިޚާބުގެ ސަލާމަތީ ކަންކަމަށް ފުލުހުން ފުރަން ފަށައިފި

ފޮޓޯ: ފުލުހުން

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށްދާ ފުލުހުން ފުރަން ފަށައިފިއެވެ.

އިންތިޚާބާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަން “ބްލޫ ޓައިޑް 2024” ގެ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްއެވެ. ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމްއެވެ.

ފުލުހުންގެ ހިދުމަތުން ބުނެފައިވަނީ އިއްޔެ އިން ފެށިގެން ފުލުހުން ރަށްރަށް ފުރަންފަށާފައިވާކަމަށެވެ.

އިއްޔެ މާލެއިން ފުރާފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުންނެވެ. އަދި ރޭ ފަތިހު މާލެއިން ފުރާފައިވަނީ އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

މަޖިލިސް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށް އީސީން މައުލޫމާތުދެއެވެ. އަދި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައި ވެސް ގާއިމުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 05:30 އާ ހަމައަށެވެ.