Last Updated: May 1, 09:53
Wednesday, May 1, 2024
ޚަބަރު

އޭރުވެސް މިހާރުވެސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަނީ އެމްޑީޕީން

ވަކީލް އަބްދުﷲ ސިޔާޒް، ރައީސް ޔާމީނާއެކު އެމަނިކުފާނުގެ ޝަރީއަތުގައި-

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް އޭރުވެސް އަދި މިހާރުވެސް ނުފޫޒު ފޯރުވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށް ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ސިޔާޒް ވިދާޅުވެއްޖެއެވެ.

ސިޔާޒް ސޯޝަލްމީޑިއާގައި މިއަދު ބުނެފައިވަނީ، 2018 ނޮވެމްބަރު 17 ގައި އެމްޑީޕީން ރާއްޖޭގެ ވެރިކަމާ ހަވާލުވުމާއެކު ނިޒާމީ ގޮތެއްގައި ރޭވިގެން ރައީސް ޔާމީނާ ސަރުކާރުގެ އޮފިޝަލުންްގެ މައްޗަށް ހަޤީގަތެއް ނެތް އިންޓެލިޖެންސް ރިޕޯޓްތައް އުފައްދައި ދޮގު ތުހުމަތުތައް އުފުލި ކަމަށެވެ.

ސިޔާޒް ވިދާޅުވީ ރައީސް ޔާމީން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ހުށަހެޅި ޖިނާއީ ދައުވާތަކަކީ އެކަމުގެ ހެކި ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ނުހައްޤުން ދައުވާކޮށް ޖަލަށްލީ އެމްޑީޕީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބު ކުރުމަށް، ސިޔާސީ ގޮތުން ރައީސް ޔާމީނާއި ޕީޕީއެމް ޕީއެންސީގެ ވަތަނީ ފިކުރުގެ ލަޝްކަރު ބަކިކަށިކޮށްލުމަށް ކަމަށްވެސް ސިޔާޒް ތުހުމަތު ކުރެއްވިއެވެ.

"އަޅުގަނޑު ޤަބޫލު ކުރަނީ އޭރުވެސް އަދި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮވެގެން ޝަރީއަތަށް ނުފޫޛު ފޯރުވަނީ ކުރިންވެސް އެކަން ކުރި ފަރާތްތައް އިސްވެ ތިބެއެވެ. އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެފަރާތްތަކުން މިހާރުވެސް ކުރާ ކަމަކީ، ރައީސް ޔާމީންގެ މައްޗަށް އިތުރު ތުހުމަތެއްކޮށް، އަބުރު ކަތިލައި އޭގެ ސިޔާސީ ފައިދާ ނެގުމެވެ." ސިޔާޒް ވިދާޅުވެފައިވެއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ސިޔާޒް މިފަދައިން ބުނެފައިވާއިރު، ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަދި ވަކީލުންގެ ޓީމުގެ އިސްވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ތުހުމަތު ކުރައްވާގޮތުގައި ރައީސް ޔާމީންގެ މައްސަލައަށް ޑރ. މުއިއްޒުގެ ސަރުކާރުން އަންނަނީ ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ނިމިފައިވާއިރު ހުކުމް ނުކޮށް ގިނަ ދުވަސްވާތީ އެކަމުގެ ކަންބޮޑުވުން ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. އަދި އެކަމުގައި އެ ފަރާތްތަކުގެ ފާޑުކިޔުން ރައީސް މުއިއްޒުއަށާއި އެމަނިކުފާނުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.