Last Updated: July 3, 18:27
Friday, July 3, 2026
ރިޕޯޓް

"ދުވެލި މަޑުކުރޭ"

ދެހާސް ތޭރަވަނަ އަހަރާ ކުރިމަތިލީ ބޮޑު އެކްސިޑެންޓަކާ އެކު އެވެ. ޖެނުއަރީ 1 ވަނަ ދުވަހުގެ ރޭ ހިތަދޫ ބޮޑު މަގު (އެޅެދީދީ) މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކަު ވަނީ ހޭނާރާ އޮވެ މަރުވެފައިއެވެ.

އައްޑޫގައި މި ޖެނުއަރީ މަހު މިހާތަނަށް 10 އެކްސިޑެންޓް ވަނީ ހިނގައިފަ އެވެ. އަދި ދެ މީހަކަށް ރާއްޖޭން ބޭރުން ފަރުވާ ދެމުން އަންނަ އިރު އިއްޔެ ވަނީ އިތުރު ޒުވާނަކު ފަރުވާ އަށް މާލެ ފޮނުވާލައިފަ އެވެ.

ހިތަދޫގެ ބޮޑު މަގު ތާރު އަޅައިގެން ހެދި ފަހުން އެ މަގުގައި އާދަޔާ ހިލާފް ބާރު މިނުގައި ދުއްވާ މީހުން ވަރަށް ގިނަ އެވެ. ދިގު މަގެއް އެއްވެސް ސްޕީޑް ބެރޭކެެއް ނެތި އޮތުމުން ދުއްވަނީ ހިތު ހުރި ވަރަށެވެ. އެކަން ބަލާނެ ބަޔަކު އައްޑުއަކު ނެތެވެ.

ހިތަދޫ ބޮޑު، ލިންކު ރޯޑާއި އެއްގޮތަށް ބިރުވެރި މަގަކަށް ބަދަލުވަނީއެވެ. އެކަމާއި ހެދި ބައެއް އާއްމުން އެމަގުން ދަތުރު ކުރަން ބިރުގަނެއެވެ.

ދިރާސީ އާ އަހރު ފެށުމާއި އެކު ބޮޑުމަގުގެ ޓްރެފިކްވަނީ އިންތިހާއަށް އިތުރުވެފައިއެވެ. ހާއްސަކޮށް ސްކޫލް ފެށޭގަޑި އާއި ނިމޭގަޑީގައި ބޮޑު މަގު ވަރަށް ހަލަބޮލިއެވެ. ގިނަ ދުއްވާ އެއްޗެހި ދުއްވާ ސްޕީޑްވެސް ބާރެވެ.

އަމިއްލަ ދަރިފުޅު ގޮވައިގެން ސްކޫލަށް ބާރު ސްޕީޑްގައި ދުއްވާފައިދާ ބެލެނިވެރިން ވެސް ގިނަ އެވެ. އެހެން ކަމުން މިކަމާ ވިސްނާލަން އެބަ ޖެހެ އެވެ. ދުވެލި މަޑުކުރަން އެބަ ޖެހެ އެވެ. ދުވެލި ކޮންޓްރޯލް ކުރެވެން އެބަ ޖެހެ އެވެ. ހެދިފައިވާ ގަވައިދުތަކަށް ބޯލަބަން އެބަ ޖެހެ އެވެ. ލިންކް ރޯޑާއި ބޮޑު މަގުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވާން އެބަ ޖެހެ އެވެ. އެހެން ނޫން ނަމަ ހިތާމަވެރި ހާދިސާތައް ހިންގުން އޮންނާނީ ކައިރީގަ އެވެ.

މި ފަހުން ހިތަދޫ ބޮޑު މަގުގައި ހިނގާފައިވާ އެކްސިޑެންޓްތަކަކީ ބާރު ސްޕީޑްގައި ދުއްވުމުން ވެފައިވާ އެކްސިޑެންޓްތަކެވެ. މިކަމާ ކަމާ ބެހޭ ފަރާތަކުން ވިސްނަންވެއްޖެ އެވެ. އަދި ގަވާއިދު ތަންފީޒު ކުރުމުގައި ޒިންމާދާރުވާން ވެއްޖެ އެވެ. ދުވެލި މަޑު ކުރަން ވެއްޖެ އެވެ.