2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ އޭނާ ކަމަށް، އެ ޕާޓީން މިހާރު ވަކިކޮށްފައި ހުންނެވި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މޫސަ ވިދާޅުވީ އޭނާ ޕާޓީން ވަކިކުރީ 2018 ގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވުމުން ކަމަށެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވަމުން، މޫސަ ވިދާޅުވީ އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވި ކޮންމެ ބޭފުޅަކު ޕާޓީ ދޫކުރައްވައި ގޮސްފައިވާ ކަމަށާއި އަދި ކޮންމެ ޕާޓީއަކީ އާއިލާއަކަށް ބައްޓަންވާ އެއްޗަކަށް ވެއްޖިއްޔާ ދާނީ ހުދުމުޚްތާރު ވެރިކަމަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓު ބެންޗްގެ އަދަދު ފަސް ފަނޑިޔާރުންނަށް ކުޑަކުރުމަށް އެމްޑީޕީން ކުރިން ކުރި މަސައްކަތަށް އިޝާރާތްކޮށް މޫސަ ވިދާޅުވިގޮތުގައި އެމްޑީޕީން ކުރިން ވަކާލާތު ކުރަމުން ގެންދިޔަ ބައެއް ކަންކަން ދިފާއު ކުރެއްވުމުގެ ގޮތުން މަޖިލީހުގައި ވޯޓު ދެއްވުމަކީ ވެސް އޭނާ އެމްޑީޕީ އިން ވަކި ކުރި އެއް ސަބަބު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒާއި ފަނޑިޔާރު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އެމްޑީޕީގެ ނިންމުމާ ހިލާފަށް ވޯޓު ދެއްވުމުގެ އިތުރުން، އެހެން ވޯޓުތަކުގައި ވެސް އެމްޑީޕީގެ ވިޕްލައިނާ އެތައް ފަހަރަކު މޫސަ ވަނީ ހިލާފުވެވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންނަށް، އިމްރާން ކުރީ ސަފުގައި ބަހައްޓައިގެން 2018 އަށް ދެން ކުރެވޭނީ ކޮން ކަމެއްތޯ؟ ދޭނީ ލަނޑު،" އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކުގެ ކުރީގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން ހުންނަވާތީ އެކަމަށް ވެސް މޫސަ ވަނީ ފާޑުވިދާޅުވެފަައެވެ.
މޫސަ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ވެރިކަން ފުނޑުފުނޑުވެގެން ދިޔައީ އިމްރާން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސަބަބުން ކަމަށާއި އެހެންވެ، އެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.