Last Updated: May 1, 17:44
Wednesday, May 1, 2024
ޚަބަރު

މައެއްގެ އުދާސް: ޕޮއިންޓް ދިން ގޮތުން ގޯއްޗެއް ނުލިބުނު!

ހިތަދޫ މެދު ދާއިރާއަށް ނިސްބަތްވާ ހައްވާ ހަފީޒާ (އަސްލު ނަމެއް ނޫން) ދިރިއުޅޭ ގެއަށް ވަނުމާއި އެކު އޭނާގެ އަތުގައި އޮތް ކަރުދާސް ގަޑެއް ދިއްކޮއްލިއެވެ. ހަފީޒާ ދިއްކޮއްލި ކަރުދާސް ގަނޑަކީ އައްޑޫ ސިޓީ ކައުންސިލުގެ ގޯއްޗަށް އެދި ހުށަހެޅުމުން އޭނާއަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ޝީޓެކެވެ.

އެ ޝީޓު ދިއްކޮށްލުމަށްފަހު ހަފީޒާ ގޮސް ހުއްޓުނީ ގޭގެ ތެރޭގައި ބަހައްޓައިފައި ހުރި އެނދެއްގައި އޮށޯވެގެން އޮތް ޚާއްސަ އެހީއަށް ބޭނުންވާ އޭނާގެ ދަރިފުޅު ކައިރިއަށެވެ. އަދި ފުލުފުލުގައި އޭނާގެ އުދާސްތައް ސުވާލުތަކެއްގެ ސިފައިގައި އޮއްސާލިއެވެ.

[މިއީ އަހަރެންގެ ދަރިފުޅު. މި ކުއްޖާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް އަދިވެސް ދެން ހުރީ ވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. މި ކުދިންނަށް އެ ކެޓަގަރީން ތިއޮތީ ސުން ޕޮއިންޓު ދީފައި. ކައިވެނީގެ ކެޓަގަރީން ވެސް ޕޮއިންޓް ކާލައިފި. މިއީ ކިހާ ބޮޑު ދެރައެއްތޯ. އަހަރުމެން ވޯޓުދީގެން ހޮވި ކައުންސިލަރު ބުނީ ހުރިހާ ގޯއްޗެއް ދިނީ އޭނައޭ. އެހެންވީއިރު ޕޮއިންޓައް ވީ ކިހިނެއްތޯ؟] ހަފީޒާ ސުވާލު ކުރަން ފެށިއެވެ.

ހަގީގަތުގައި ހަފީޒާގެ ސުވާލުތައް އެގޮތުގައި ކުރުމުގެ ހައްގު އޭނާއަށް އޮންނަން ޖެހެއެވެ. ހަފީޒާ ބުނެފައިވާ ގޮތުގައި މާޔޫސްވެ މިއަދު ހުރި އިރު އޭނާ މި ސުވާލު ނުކުރަންވީ ސަބަބެއް ނެތެވެ. ކައުންސިލުން ދިން ޝީޓުގެ ވާހަކަ ކިޔައިދެމުން ހަފީޒާ ބުނީ ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ ބަޔަކުން ޕޮއިންޓެއް ލިބިފައި ނެތްއިރު ކައިވެނީގެ ބައިން އަދި ދިރިއުޅުމުގެ ޙާލަތަށް ވެސް ޕޮއިންޓް ދީފައިވަނީ ގޯސްކޮށް ކަމަށެވެ.
ކައިވެނީގެ ބައިން ޕޮއިންޓް ދިނުމުގައި ގޯއްޗަށް އެދޭ ފަރާތަކީ އެކަނިވެރި މައެއް/ބަފައެއް ނަމަ 10 ޕޮއިންޓް ދޭން ޖެހޭނެ ކަމަށް ކައުންސިލްގެ އުސޫލުގައި ބަޔާންކޮށްފައިވާއިރު، މި ކެޓަގަރީން ހަފީޒާއަށް ދީފައިވަނީ 5 ޕޮއިންޓެވެ. ހައްވައަކީ މިވަގުތު އެކަނިވެރި މައިންގެ ކެޓަގަރީގައި ހުރި މީހެކެވެ.

މީގެ އިތުރުން ދިރިއުޅުމުގެ ޙާލަތު ހުރި ގޮތަށް މާކްސްދޭ ކެޓަގަރީން ވެސް ހައްވަގެ ފޯމުން 2 މާކްސް އުނިކޮށްފައިވާއިރު، ކައުންސިލްގެ އުސޫލުގައި ހުރި ހުރިހާކަމަކަށް ހައްވަގެ ދިރިއުޅުމުގެ ޙާލަތަށް މާކްސް ނުދެވޭންވީ ސަބަބެއް ފާހަގައެއް ނުކުރެވެއެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރި ހަފީޒާ ބުނާ ގޮތުގައި މެދު ދާއިރާގެ ކައުންސިލަރަށް އެކި ސިފައިގައި އޭނާ ޝަކުވާ އުފުލި ނަމަވެސް އެކަމަކަށް ޖަވާބެއް ނުލިބެއެވެ. އެހެންކަމުން ދެން އިންސާފު ހޯދަން ކުރާނީ ކޮން މަސައްކަތެއްތޯ ސުވާލު އުފެއްދިއެވެ.
[މެދު ދާއިރާގެ ކައުންސިލަރަށް ތަކުރާރުކޮށް މިކަން ހުށަހެޅިން. އެކަމަކު ޖަވާބެއް ނުދޭ. މިއީ ވަކި ބަޔަކަށް ގޯތިދޭން ކުރިކަމެއް ކަމަށް ދެކެނީ. ] ހަފީޒާ ކިޔައިދިނެވެ.

ހަފީޒާ ބުނިގޮތުގައި ގޯތީގެ ހައްގުން މަޙްރޫމުކުރުވީ ނުފޫޒުން ކަމަށް ގަބޫލުކުރަނީ އެކަމުގައި ޖަވާބުދާރީ ނުވިއިރު، އެވަރުގެ ކަމެއް އެއީ މިސްޓޭކެއްގެ ގޮތުގައި ނުބެލެވޭތީ ކަމަށެވެ. [އެންމެ ކެޓަގަރީއަކުން ނޫން ތިން ކެޓަގަރީއަކުން ގޯސްކޮށް ޕޮއިންޓް ނުދެވޭނެ] ކަމަށް ހައްވަ ގަބޫލުކުރެއެވެ.

ހަފީޒާ އަށް ދިމާވި ހާދިސާއާއި އެއްގޮތް އެތައް ކަމެއް އައްޑޫ ސިޓީ ހިތަދޫ އިން ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޚާއްސަކޮށް ހިތަދޫ މެދު ދާއިރާގެ ގިނަ ބަޔަކު ވަނީ މީގެ ކުރިން ވެސް ސޯޝަލް މީޑިޔާގައި ފެންމަތިކޮށްފައެވެ.

އޭގެ ތެރޭގައި އެއްގެއަކަށް ނިސްބަތްވާ މީހުންގެ ތެރެއިން އައްޑޫގައި ކުޑަކުޑަ ކޮޓަރިއެއްގައި 4 ކުދިން ގޮވައިގެން އުޅޭ މީހަކަށް ގޯތި ނުލިބި ހަމަ އެގޭގެ ރަޖިސްޓަރީގައި ހިމެނޭ އެންމެ ކުއްޖެއްގެ މައިންބަފައިންނަށް ގޯތި ދިން މައްސަލައެއް ވެސް ސޯޝަލް މީޑިޔާގައި ތިލަވިއެވެ.
ގޯތީގެ މައްސަލައިގައި ގިނަ ބައެއްގެ ޝަކުވާ ކައުންސިލަށް އަމާޒުވެފައިވާއިރު، މެދު ދާއިރާގެ މަޖިލިސް އަށް ކުރިމަތިލައިފައިވާ ޝުއާއު ވަނީ ދާދިފަހުން ބޭއްވި ބަހުސްއެއްގައި އައްޑޫ އިން ގޯތި ދޫކުރީ އޭނާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.