Last Updated: May 1, 06:19
Wednesday, May 1, 2024
ޚަބަރު

ސިފައިންގެ ޗީފް ރިޓަޔަކުރައްވައިފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، 39 އަހަރުގެ ޚިދުމަތަށް ފަހު މަގާމުން ރިޓަޔަކުރައްވައިފި އެވެ.

އެކަމަށްޓަކައި ރޭ ސިފައިންގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތަށް، ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަ ގާޑެއް އަރުވައިފަ އެވެ. އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީއަކާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޢަބްދުއްރަޙީމަށް ޙަވާލުކޮށް ދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

އަބްދުއްރަހީމް، 60، ސިފައިންގެ ހޖުމަތާ ގުޅިވަޑައިގެންނެވީ ފެބްރުއަރީ 18، 1985 ގަ އެވެ.

ސިފައިންގެ ޚިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ކޮށްދެއްވާފައިވާ އިޚުލާޞްތެރި އަގުހުރި ޚިދުމަތް ފާހަގަކޮށްލެވެ އެވެ. އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާ އިރު، އެމްއެންޑީއެފްގެ ވަރަށް ގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވައިފަ އެވެ.

އެގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެ އެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަޤާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަޤާމު އަދާކުރައްވާފައިވެ އެވެ.

ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައި ވެއެވެ. އަދި މީގެ އިތުރުން 35 އަހަރަށް ވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީމް އައްޔަންކުރީ ރައީސް މުއިއްޒު ހުވާކުރެއްވި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ. އެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނަ ހުންނެވީ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގަ އެވެ.