Last Updated: May 2, 21:43
Friday, May 3, 2024
މުނިފޫހިފިލުވުން

"ޓައިމް" ގެ ނުފޫޒު ގަދަ ލިސްޓްގައި އާލިއާ

މަޝްހޫރު "ޓައިމް" މަޖައްލާގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އިންޑިއާގެ ބަތަލާ އާލިއާ ބަޓް ހިމެނިއްޖެ އެވެ.

އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ހިމެނުނީ އެންމެ ނުފޫޒު ފަދަ "އާޓިސްޓުން" ގެ ކެޓަގަރީގަ އެވެ. އެ ކެޓަގަރީގައި ދެން ހިމެނެނީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ އާއި "ސްލަމްޑޯގް މިލިއަނާ" ގެ އިންޑިއާ ދަރިކޮޅު އިނގިރޭސި ބަތަލު ދޭވް ޕަޓޭލްގެ އިތުރުން އެމެރިކާގެ ލަވަކިޔުންތެރިޔާ ޑަ'ވީން ރަންޑޯފް އެވެ.

"ޓައިމް" ގެ މި އަހަރުގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ތެރޭގައި އާލިއާ ހިމެނިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ މިހާރު އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ބަތަލާގެ ފާހަގަކޮށްލެވޭ ހުނަރުވެރި ބަތަލާ މިދިޔަ އަހަރު ހޮލީވުޑްގެ ފިލްމަކުން ވެސް ފެނިފައިވާތީ އެވެ.

އެ ފިލްމަކީ މިދިޔަ އަހަރުގެ އޮގަސްޓް 11 ގައި ނެޓްފްލިކްސް ޕްރީމިއާކުރި ސްޕައި އެކްޝަން ތުރިލާ "ހާޓް އޮފް ސްޓޯން" އެވެ. ކާސްޓްގައި "ވޮންޑަ ވުމަން" ގެ ބަތަލާ ގަލް ގެޑޯ އާއި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ގެ ބަތަލު ޖެމީ ޑޯނަން ވެސް ހިމެނޭ އެ ފިލްމަކީ ޓޮމް ހާޕާ ޑައިރެކްޓްކުރި ފިލްމެކެވެ.

"ޓައިމް" ގައި ވަނީ އާލިއާއާ ބެހޭ ގޮތުން ޑައިރެކްޓަރުގެ ވާހަކަތަކެއް ވެސް ހިމަނައިފަ އެވެ. އޭގައި ޓޮމް ބުނެފައި ވަނީ އާލިއާ އަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި އޭނަ އަކީ އިންޓަނޭޝަލް ތަރިއަކަށްވުމުގެ ހުރިހާ ކޮލިޓީއެއް ހުރި ބަތަލާއެއް ކަމަށެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އާލިއާ، 31، ބޮލީވުޑަށް ނުކުތީ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެވެ. އޭގެ ފަހުން އޭނަ މިހާތަނަށް އިންޑިއާގެ އެންމެ ވަރުގަދަ ބައެއް ޑައިރެކްޓަރުންނާ އެކީ މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ޑައިރެކްޓަރުންނާ އެކީ ތަކުރާރުކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ވެސް އާލިއާ އަށް ލިިބިފައިވެ އެވެ.

މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނު ބަތަލާ އަކީ މިހާރު ބޮލީވުޑްގައި ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ކާމިޔާބު އަދި ޑިމާންޑް ބޮޑު އެކެކެވެ. އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރަށް ތާވަލުކޮށްފައި އޮތް "ޖިގްރާ" އެވެ. އޭނަ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ފިލްމެއް ހިމެނެ އެވެ.

އަހަރެއްވީ އަންހެން ދަރިއަކު ވެސް ހުރި އާލިއާ އަކީ "އިޓާނަލް ސަންޝައިން ޕިކްޗާސް" ގެ ނަމުގައި އަމިއްލަ ފިލްމު ސްޓޫޑިއޯ ވެސް ހިންގަމުން އަންނަ އަދި "އެޑް އަ މަމާ" ގެ ނަމުގައި ކުޑަކުދިންގެ ކްލޯތިން ބްރޭންޑެއް ވެސް ހިންގަމުން އަންނަ ބަތަލާއެކެވެ.

އާލިއާ ނިސްބަތް ވަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމީ އާއިލާއަކަށެވެ. އޭނަގެ ބައްޕަ އަކީ ކުޅަދާނަ ޑައިރެކްޓަރު/ޕްރޮޑިއުސަރު މަހޭޝް ބަޓެވެ.