Last Updated: May 1, 06:19
Wednesday, May 1, 2024
ޚަބަރު

ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ނުކުރާ ކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން މިއަދު މެންދުރަށް ހައިކޯޓުގައި ވަނީ ތާވަލު ކޮށްފައެވެ.

ސޯޝަލްމީޑީއާ ޕްލެޓްފޯމް އެކްސްގައި ކާކުކަން ނޭންގޭގޮތަށް ހަސަން ކުރުސީގެ ނަމުގައި ހިންގަމުންދާ އެކައުންޓުން ބުނެފައިވަނީ ހުކުމް ކުރުމުގެ ޝަރީއަތް ބޭއްވިޔަނުދީ ކެންސަލް ކުރުމަށް މުބީން ހައިކޯޓުގެ ފަނޑިޔާރަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މުބީން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސް ޔަަމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވަން އެއްވެސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަބުރު ކަތިލަން ދައްކާ އެއްވެސް ވާހަކައަކުން މި އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެ. އަޅުގަނޑު އެދެނީ ރައީސް ޔާމިނަށް އިންސާފުލިބި ވީ އެންމެ އަވަހަކަށް މިނިވަންވުން." މުބީން ވިދާޅުވިއެވެ.

ޕީއެންއެފްއިން ރޭ އާންމު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދޭ އުސޫލުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އިސްތިއުނާފު މައްސަލާގައި ހުކުމް ކުރުމަށް މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަށް ފަނޑިޔާރުންގެ ބެންޗު ހަމަވާނެތޯ ސުވާލު އުފައްދަވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. މި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުން ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 01:15 އަށެވެ.