Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ސާޖިދުގެ "100 ޕަސެންޓް" ވާނުވާގައި!

ޑައިރެކްޓަރު ސާޖިދު ޚާން މީފެ ދެ އަހަރު ކުރިން އިއުލާންކުރި ފިލްމު "100 ޕަސެންޓް" މިހާރު އޮތީ ވާނުވާގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ އޮގަސްޓް 29، 2022 ގައި އިއުލާންކޮށް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ޕްލޭންކުރި ފިލްމުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ އޭގެ ކާސްޓްގައި ހިމެނުނު ޖޯން އަބްރަހަމް ފިލްމުން ވަކިވުމުން ކަމަށެވެ.

އެކަމަކު އެކަން ސާޖިދާއި "100 ޕަސެންޓް" "ޕްރޮޑިއުސްކުރާ ބުޝަން ކުމާރުގެ ޓީ ސީރީޒުން ކަށަވަރުކޮށް ދީފައެއް ބުނެ އެވެ. ބައެއް މީޑިއާތަކުން ބުނީ ޖޯން ފިލްމުން ވަކިވާން ނިންމީ މި ދަނޑިވަޅުގައި ކޮމެޑީ ޖޯންރާގެ ފިލްމަށް ޝައުގުވެރިކަން ނެތުމުން ކަމަށެވެ. އޭނަ ވަނީ ކުރިން ސާޖިދުގެ ކޮމެޑީ 2012 ގެ "ހައުސްފުލް 2" ގައި މަސައްކަތްކޮށްފަ އެވެ.

ޖޯންގެ އެންމެ ހާއްސަ ޖޯންރާ އެކީ އެކްޝަނެވެ. މިދިޔަ އަހަރު ޝާހްރުކް ޚާންގެ "ޕަތާން" ގެ ބޮޑު ކާމިޔާބީއެއް ހޯދި އިރު، އޭގައި ޖޯން ކުޅުނު ވިލަންގެ ރޯލަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ރޯލެކެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާ އިރު ވެސް ހުރީ އެކްޝަން ޖޯންރާގެ ފިލްމުތަކެވެ. އޭގެ ތެރޭގައި "ވޭދާ" އާއި "ތެހެރާން" ހިމެނެ އެވެ.

ޖޯންއާ އެކީ "100 ޕަސެންޓް" ގެ ކާސްޓަށް ނެގި ތަރިންގެ ތެރޭގައި ނޯރާ ފަތުހީ އާއި ރިދޭޝް ދޭޝްމުކްގެ އިތުރުން ޝެހެނާޒް ގިލް (ސަނާ) ހިމެނެ އެވެ.

ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ފިލްމާ ބެހޭ ގޮތުން ސުވާލުކުރުމުން ނޯރާ ބުނީ ފިލްމު ނަހަދަން ނުނިންމާ ކަމަށާއި އޭގެ މަސައްކަތް ކުރިއަށްދާނެކަން އެނގިފައި އޮތް ކަމަށެވެ.

"އެކަމަކު ކުރީގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ މުޅި ޕްރޮޖެކްޓް އަލުން ރާވަމުން އަންނަ ކަމަށް އެނގިފައި އޮތީ." ދާދި ފަހުން ރިލީޒްކުރި "މަދުގާއޯ އެކްސްޕްރެސް" ގެ ބަތަލާ ބުންޏެވެ.

"100 ޕަސެންޓް" ވާނުވާގައި އޮތް އިރު، ސާޖިދުގެ އެންމެ ފަހުގެ ފިލްމަކީ 2014 ގެ ފްލޮޕް ފިލްމު "ހަމްޝަކަލްސް" އެވެ. މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް" އާއި "ހިންމަތުވާލާ" އަދި "ހޭއި ބޭބީ" ހިމެނެ އެވެ.

ސާޖިދަކީ 2019 ގައި ރިލީޒްކުރި "ހައުސްފުލް 4" ޑައިރެކްޓްކުރަމުން ދަނިކޮށް، ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކާ ގުޅިގެން ފިލްމުން ވަކިކުރި މީހެކެވެ. އޭގެ ފަހުން އޭނަ ބޮލީވުޑުން ވަރަށް ބޮޑަށް އެކަހެރިކުރި އެވެ.