Last Updated: May 1, 06:03
Wednesday, May 1, 2024
ޚަބަރު

ސަރުކާރުގައި އޮތީ ކުދި އާބާދީތައް ނެތިކޮށްލުމުގެ ވިސްނުން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ؛ އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އޮތީ ކުދި އާބާދީތައް މުޅިން ނެތިކޮށް، ރަށްރަށް ފަޅުކޮށް އެއްތަނަކަށް މީހުން ޖަމާކުރުމުގެ ވިސްނުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހއ. ބާރަށަށް ވަޑައިގެން ވާހަކަ ދައްކަވަމުން ސޯލިހް ވިދާޅުވީ ފުންކޮށް ވިސްނާލުމުން މިސަރުކާރުގެ ވިސްނުން ހުރިގޮތް ހާމަވާ ކަމަށެވެ.

"ރާއްޖެތެރޭގެ މިހެންހުރި ރަށްރަށް ބާކީވެ އަދި ކުދި އާބާދީތައް މުޅިން ނެތިކޮށްލުމުގެ ވިސްނުމެއް މިސަރުކާރުގައި އޮތީ. ބާރުތައް ޖަމާކުރުމަށް ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ރަށްރަށް ފަޅު ކުރުމުގެ ސިޔާސަތެއް މިބޭފުޅުން މި ގެންގުޅުއްވަނީ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ފެށި މަޝްރޫއުތަކަށް މިހާރު ވެފައިވާގޮތް އަރާ ކޮންމެ ރަށަކުން ފެންނަމުންދާ ކަމަށެވެ. އެއްވެސް މަސައްކަތެއް ހިނގަންޖެހޭ ގޮތަށް ކުރިއަށް ނުދާ ކަމަށާއި މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށް ސޯލިހް ވިދާޅުވިއެވެ. އަދި އެ މަޝްރޫއުތައް ހުއްޓިފައިވަނީ ފައިސާ ނެތިގެން ނޫން ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތު އޮތްގޮތްކަމަށް ވިދާޅުވިއެވެ.

"ރަށްރަށް ފަޅުކޮށް އެއްތަނަކަށް މީހުން ޖަމާކޮށް ބާރުތައް ޖުމުލަގޮތެއްގައި އަތްމައްޗަށް ނެގުން، އެއީ މި ސަރުކާރުގެ ވިސްނުން."

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލާ ކައުންސިލްތަކަށް ދީފައިވާ ބާރާއި އިޚްތިޔާރު ހަނިކުރަމުންދާ ކަމަށް ސޯލިހް ވިދާޅުވިއެވެ. މިކަންކަމަށް އެއްވެސް ވަރަކަށް ޖާގަ ދީގެން ނުވާނެ ކަމަށާއި އެމްޑިޕީގެ ވިސްނުމަކީ ރައްޔިތުން ބޭނުންވާ ތަރައްގީ އެބަޔަކު ތިބިތަނަކަށް ގެނެސްދިނުން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މިސަރުކާރުން ބިރުދައްކަމުންދާކަމަށް ވިދާޅުވެ ސޯލިހް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސިން ކަށަވަރު ކޮށްދީފައިވާ ހައްޤެއް ކަމަށެވެ. ކުރިއަށް އޮތް މަޖިލީހުގައި އެމްޑީޕީން ކުރާނެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ހޯދައިދިނުން ކަމަށް ސޯލިހް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޓީމު މަޖިލީހަށް ވަންނާނީ ރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.