Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ގެލަކްސީ އަށް ދިން ހަމަލާގައި ތިން ވަނަ މީހަކު ހައްޔަރަށް

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑިން ހަމަލާތަކެއް ދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.

މުމްބާއީގެ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ތިން ވަނަ މީހާ ހައްޔަރުކުރީ ރޭ ހަރިއާނާ އިން ކަމަށެވެ. އަދި އޭނަ އަކީ ކުރިން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކާ ގުޅުން އޮތް މީހެއް ކަމަށާއި ހަމަލާގެ ފަހުން އެ މީހުންގެ މެދުގައި ފޯނު ވަރަށް ގިނަ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަކުރި ތިން ވަނަ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

މުމްބާއީގެ ބަންޑްރާގައި ހުންނަ ސަލްމާންގެ "ގެލެކްސީ" އެޕާޓްމަންޓަށް މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބަޑިން ހަމަލާތަކެއް ދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ ދެ މީހުން ވަނީ ހަމަލާ އަށް ފަހު، ގުޖްރާތަށް ގޮސްފަ އެވެ. އަދި ހޯމަ ދުވަހުގެ ރޭ އެ މީހުން ހައްޔަރުކުރީ އެ ސްޓޭޓްގެ ބޫޖް އިންނެވެ.

އެ ދެ މީހުންނަކީ ސާގަރް ޕަލް އާއި ވިކީ ގުޕްތާ އެވެ. މި މީހުން ހައްޔަރުކޮށް މައްސަލަ ވަރަށް ސީރިއަސްކޮށް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ސަލްމާންގެ ގެއަށް ދިން ހަމަލާގެ އަޑީގައި ހުރީ މީގެ ކުރިން ވެސް ސަލްމާނަށް ތަކުރާރުކޮށް މަރުގެ އިންޒާރުތަކެއް ދެމުން ދިޔަ ގޭންގްސްޓާރު، ލޯރެންސް ބިޝޯނީ ކަމަށް އޭނަގެ ފަރާތުން ބުނެފައިވެ އެވެ.

އެ ހަމަލާ އަށް ފަހު މުމްބާއީ ފުލުހުން ވަނީ ސަލްމާނާއި އޭނަގެ ގޭގެ ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.