Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

އައްޑޫ ކަރަންޓް މައްސަލަ ހައްލު ކުރަން ޗައިނާގެ ކުންފުންޏަކަށް

އައްޑު އަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ފެނަކަ އިން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރަން މިއަދު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.

މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. އަދި ފެނަކައިން ފައިސާ ދައްކާ ނިންމަން ކަނޑައަޅާފައި ވަނީ 12 އަހަރެވެ. ފެނަކަ އިން ބުނީ މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ޕަވާ ޕްލާންޓް ތަރައްގީ ކުރާނީ ޒަމާނީ ވަސީލަތްތަކާ އެކީގައި ކަމަށެވެ. އެގޮތުން މި މަޝްރޫއު ނިމުމުން އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20 އަދި 25 އަހަރަށް ހައްލުވާނެ ކަމަށް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓަކީ 50 މެގަވޮޓްއަށް ކެޕޭސިޓީ އަޕްގްރޭޑް ކުރެވިގެންދާނެ ޕްރޮޖެކްޓެއް. އެގޮތުން ގުޅިފައިވާ ރަށްތަކާއި ހުޅުދޫ މީދޫއާ ބްރިޖަކުން ގުޅާލެވުމުން އެ ދެ ރަށަށް ވެސް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވޭނެ." އޭނަ ވިދާޅުވި އެވެ.