Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ- ފޮޓޯ: ރައީސް އޮފީސް

ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އައްޔަނު ކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް ޙިލްމީ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ މިއަދުއެވެ. މި މަގާމަށް އައްޔަނުކުރެއްވިއިރު މޭޖަރ ޖެނެރަލް ހިލްމީ ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖަރ ޖެނެރަލް ހިލްމީ އައްޔަނު ކުރެއްވީ އެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މަގާމުން ރިޓަޔަކުރެއްވުމާ ގުޅިގެންނެވެ.

މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަން ކުރައްވައި، އެކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މީގެއިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާޘް އައްޔަންކުރައްވާފައެވެ.