Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ޔޫސުފް ނައީމަށް އިއްވި ހުކުމް ބާތިލުކޮށްފި

ޔޫސުފް ނައީމު ހައިކޯޓުގެ އަޑުއެހުމުގައި-

ވ. އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމް ރިޝްވަތު ދިންކަން ސާބިތުވެ އިއްވި ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ. މި މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެތެރެއިން ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާތީ ޔާމީނަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް ވަނީ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހުކުމް ކުރުމުގެ މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ. ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ޤާނޫނުގައި ނެތް އިޖުރާއަތެއް ދަށުކޯޓުގެ ފަނޑިޔާރު އީޖާދުކޮށް މި މައްސަލައަށް ތަތުބީގު ކުރުމުގެ ސަބަބުން ޔޫސުފް ނައީމަށް އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްޤަށް ހުރަސްއެޅިފައިވާކަން އެނގޭކަމަށެވެ. އެގޮތުން ދައުލަތުން ހުށަހެޅި ސަޕްރައިޒް ހެކިތައް ބަލައިގަނެ ދަށުކޯޓުގެ ފަނޑިޔާރު އަމަލުކޮށްފައިވާ ގޮތުން އިންސާފަށް މަގުފަހިވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަދި އަމަލުކުރި ގޮތުގެ ސަބަބުން އިންސާފު ގާއިމުކުރެވިދާނެ ކަމަކަށްވެސް ނުބެލެވޭކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ފަނޑިޔާރު ވިދާޅުވީ، ރިޝްވަތު ދިނުމުގެ ކުށް ޔޫސުފް ނައީމުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ކުށުގެ އުންސުރުތައް ސާބިތުކޮށްދެވިފައިވާކަން އެނގެން ނެތް ހާލަތެއްގައިކަމަށް ޔޫސުފް ނައީމުގެ ފަރާތުން ބުނާބުނުން ގަބޫލުކުރެވޭ ކަމަށެވެ. މި މައްސަލައިގައި ޔޫސުފް ނައީމު އޭރުގެ ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރުދިނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއް ތަރައްގީ ކުރުމަށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏަށް ވ. އާރަށް ކުށްޔަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މުގާބިލުގައި ކަމަށްބުނެ ދައުވާކޮށްފައިވާއިރު ޔާމީންގެ އޮފިޝަލް އެކްޓްއަކީ ކޮބައިކަން ސާފުކޮށް ބަޔާން ކޮށްދެވިފައިވާތީ ނުފެންނަ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

"ދަށުކޯޓުގެ ފަނޑިޔާރު އިސްވެ ބަޔާންވެދިޔަ ރޯމަރު ގޯސްތައް ހަދާފައިވާކަމަށް ފާހަގަކުރެވޭތީ ދަށުކޯޓުގެ ހުކުމް ބާތިލުކަމަށް ކަނޑައަޅަން ފެނޭ." ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ، ދައުލަތުން 2022 އޮކްޓޫބަރު 4 ވަނަ ދުވަހު ހާމަކުރި ހެކިތަކަށް ރިއާޔަތްކޮށް އެ ހެކިތަކަށް ބުރަދަންދީގެން ޔޫސުފް ނައީމުގެ މައްޗަށް ދައުވާ ސާބިތުވާކަމަށް އިއްވި ހުކުމަކީ ޤާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށްވާތީ އެހެކިތައް އެއްފަރާތްކުރުމަށްފަހު ދައުވާއާމެދު ދަށު ކޯޓުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް ނިންމަން ފެންނަ ކަމަށެވެ.

އެހެންކަމުން ޔޫސުފް ނައީމަށް އިއްވި ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ވަނީ ކްރިމިނަލް ކޯޓަށް ފޮނުވުމަށް ހައިކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ އަލްއުސްތާޛު ޙަސަން ޝަފީޢު، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛް މުޙައްމަދު ސަލީމްއެވެ.