Last Updated: May 18, 17:38
Saturday, May 18, 2024
ޚަބަރު

ސާފުވަނީ ކުރީ ސަރުކާރުން ކޯޓަށް ނުފޫޒު ފޯރުވާފައިވާ މިންވަރު

މެންބަރު މޫސާ ސިރާޖު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައި ކޯޓުގެ އަޑުއެހުމުން ސާފުވަނީ ކުރީ ސަރުކާރު ކޯޓަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި އަންނަނީ ވ. އާރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޔޫސުފް ނައީމުގެ މައްޗަށް އިއްވި ހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި މައްސަލައިގައި ޔޫސުފް ނައީމް ރިޝްވަތު ދިންކަން ސާބިތުވެ އިއްވި ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.

މި ހުކުމާ ގުޅިގެން މޫސާ ސިރާޖު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހައި ކޯޓުގެ އަޑުއެހުމުން ސާފުވަނީ ކުރީ ސަރުކާރުން ކުރިމިނަލް ކޯޓަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށެވެ. އަދި ހުކުމް ވަކި ގޮތަކަށް ކުރުމަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ހާމަވާކަމަށެވެ.

"ކޯޓުތަކަށް ސަރުކާރުން އަތް ބޭނުން ނިމުމަކަށް ގެންނާނީ ރައީސް މުއިއްޒުގެ ސަރުކާރުން." މޫސާ ސިރާޖު ވިދާޅުވިއެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި ޔޫސުފް ނައީމްގެ މައްޗަށެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލީ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. ޔޫސުފް ނައީމްގެ މައްޗަށް އުފުލީ، ރިޝްވަތު ދިނުމުގެ ދައުވާއެވެ. މި މައްސަލައިގައި ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ ޔޫސުފް ނައީމްގެ މައްޗަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މީގެތެރެއިން ރިޝްވަތު ގަބޫލުކުރިކަން ސާބިތުވާތީ ޔާމީނަށް ވަނީ 4 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި މަނީލޯންޑްރިންގެ ކުށް ސާބިތުވާތީ ޔާމީނަށް ވަނީ 7 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.