Last Updated: May 2, 19:20
Thursday, May 2, 2024
މުނިފޫހިފިލުވުން

ނަހުލާ އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި

ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ފިލްމެއް ނުގެނެސްދޭތާ ވަރަށް ގިނަ ދުވަސްތަކެއް ފަހުން އޭނަ މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި "ފިލްމެއް ހަދަންވެއްޖެކަން މިހާރު ގަބޫލުކުރެވިއްޖެ" ކަމަށާއި "އެކަމާ އެބައުޅެން" ކަމަށެވެ. މި ޕޯސްޓްގައޮ ނަހުލާ ވަނީ ފިލްމުގެ ނަން ވެސް ހިއްސާކޮށްފަ އެެވެ. އެއީ "ސޮރީ" އެވެ.

އެ ނަމުގައި ފިލްމެއް ހަދަން އުޅޭކަން އޭނަ ފުރަތަމަ އިއުލާންކުރީ 2019 ގެ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު ނަހުލާ ބުނެފައި ވަނީ "ސޮރީ" އަކީ އޭނަ ކުރިން ވެސް ގެނެސްދީފައިވާ ކަހަލަ އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަށެވެ. އަދި އޭގެ ކާސްޓްގައި މަރިޔަމް އައްޒަ އާއި ޔޫސުފް (ޔޫއްޕެ) ޝަފީއުގެ އިތުރުން އިތުރު ބަތަލާއަކާއި ފިލްމީ ދާއިރާ އަށް މުޅިން އަލަށް ތައާރަފުވާ އެކްޓަރަކު ވެސް ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މިއަދު "ސޮރީ" އަށް ތައްޔާރުވާ ވާހަކަ ނަހުލާ ހާމަކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ މީގެ ކާސްޓާއި މަސައްކަތް ފަށާނެ އިރަކާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނޭނގެ އެވެ.

ނަހުލާ ކުރިން ބުނެފައި ވަނީ "ސޮރީ" ގައި ޖުމްލަ 7 ލަވަ ހިމެނޭނެ ކަމަށާއި ހުރިހާ ލަވަތަކަކީ ވެސް އަމިއްލަ ރާގުތައް ކަމަށެވެ.

"ކަޔާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ މަގުބޫލު ފިލްމުތައް ގެނެސް ދިން ނަހުލާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ބޮސް" އެވެ.
ކްރިސްޓަލް އެންޓައިންމަންޓްގެ ނަމުގައ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާގެ ޑައިރެކްޝަނަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ފިލްމަކީ އަހުމަދު ޝިނާންއާ ގުޅިގެން 2016 ގައި ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ.