Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ރޭލު ސްޓޭޝަން އިމާރާތް ވައްތަރީ ޕެޑާ!

ޗައިނާގެ ނަންޖިންގް ސިޓީގައި އަލަށް ހަދަން ނިންމާފައިވާ ރޭލު ސްޓޭޝަންގެ އިމާރާތް ސެނިޓަރީ ޕެޑަކާ ވައްތަރު ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މި ޑިޒައިން ދައްކައިލި އިރު، މަތިން ބަލާލާ އިރު، ރޭލު ސްޓޭޝަންގެ އިމާރާތް ވައްތަރީ "ހަގީގަތުގައި" ވެސް ޕެޑްތަކަކާ އެވެ. އެގޮތުން އިމާރާތް ޑިޒައިންކޮށް އިން ގޮތުން ސިފަކޮށް ދެނީ އެއް ޕެޑްގެ މެދުން އަރިއަށް އިތުރު ޕެޑެއް ބާއްވާފައި އޮންނަ ގޮތެވެ. އަދި އޭގެ ބައްޓަމާއި ފުރާޅުގެ މަތީގައި ހުރި ކުރެހުންތަކުން ވެސް ސިފަކޮށް ދެނީ ޕެޑެވެ.

ރަސްމީ އިދާރާތަކުން ބުނެފައި ވަނީ މި ޑިޒައިންގެ އިންސްޕިރޭޝަނަކީ ނަންޖިންގް ސިޓީ އަށް ހާއްސަ "ޕްލަމް މޫސުމުގެ ހިތްގައިމުކަން" ކަމަށެވެ.

ނަމަވެސް ފާޑު ކިޔާފައިވާ މީހުން ބުނެފައި ވަނީ ޕްލަމް މޫސުމާ ރޭލު ސްޓޭޝަން އިމާރާތުގެ ޑިޒައިނާ އެއްވެސް ގުޅުމެއް އޮތްކަން ދައްކުވައި ނުދޭ ކަމަށެވެ. އެހެންވެ އިންސްޕިރޭޝަނަކީ "ޕްލަމް ބްލޮސޮމްސް" އޭ ބުނުމަކީ ލަދުވެތި ކަމެއް ކަމަށް ބުނެފައިވެ އެވެ.

ބައެއް މީހުން ވަނީ ޑިޒައިން، ޕެޑާ ވައްތަރުކަމުން މިއީ އަންހެނުންގެ މައްސަރުކަންތައްކާއި ސެނިޓަރީ ޕެޑްގެ މުހިއްމުކަން އަންގައި ދޭން ރަނގަޅު ޑިޒައިނަކަށް ވެދާނެ ކަމަށް ބުނެ ޖޯކް ވެސް ޖަހައިފަ އެވެ.

މި ޑިޒައިނަށް ނަންޖިން ސިޓީ ނިސްވަތްވާ ޖިއާންގްސޫ ޕްރޮވިންސްގެ ސަރުކާރާއި ޗައިނާ ސްޓޭޓް ރެއިލްވޭ ގްރޫޕުން ފެހި ސިގްނަލް ވެސް ވަނީ ދީފަ އެވެ. އިމާރާތުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށަން ނިންމާފައިވާ އިރު، މިތަން ހަދަން 20 ބިލިއަން ޔުއާން (2.7 ބިލިއަން ޑޮލަރު) ހޭދަވާނެ އެވެ.

މި ރޭލު ސްޓޭޝަން އިމާރާތް ހަދަން ނިންމާފައި ވަނީ 36.7 އަކަމީޓަރުގެ ބިމެއްގަ އެވެ.