Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ޝިލްޕާގެ ދެމަފިރިން ޕޮންޒީ ސްކީމެއްގައި ތާށިވެއްޖެ!

މީގެ ކުރިން ވެސް "ގޮތް ނޭނގޭ" ބޮޑެތި ފައިސާގެ މުއާމާލްތަކެއް ކޮށްފައިވާކަމުގެ ތުހުމަތު ކުރެވޭ އިންޑިއާގެ ފިލްމީ ތަރި ޝިލްޕާ ޝެޓީގެ ދެމަފިރިން އަނެއްކާ ވެސް މިފަދަ މައްސަލައެއްގައި ތާށިވެއްޖެ އެވެ.

މި ފަހަރު ޝިލްޕާ އާއި ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ސިންގަޕޫރްގެ ކުންފުންޏެއް ކަމަށްވާ ވޭރިއަބަލް ޓެކް ލިމިޓެޑާ ގުޅިގެން ބިޓްކޮއިން މެދުވެރިކޮށް ހިންގާފައިވާ ޕޮންޒީ ސްކީމެއްގެ މައްސަލަ އެވެ. މިކަމާ ގުޅޭ ގޮތުން އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ކުރިން ވެސް މިފަދަ މައްސަލައަކާ ގުޅިގެން 2002 ގައި ރާޖްގެ ހަރުމުދާތަކެއް ހިފަހައްޓާފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި 97.79 ކްރޯޑްގެ ގެއަކާއި ސީދާ ޝިލްޕާގެ ނަމުގައި ހިމެނޭ ގެއަކާއި ދެމަފިރިން ހިއްސާވާ ގެ އާއި މުދާތަކެއް ވެސް ހިމެނޭ ކަމަށެވެ. އަދި މި ހަރުމުދާ ހޯދާފައި ވަނީ ނުހައްގުން ހިންގާފައިވާ ޕޮންޒީ ސްކީމެއްގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭތީ އާއި މީގެ ތެރޭގައި މަނީ ލޯންޑްރިން ފަދަ ކަންކަން ވެސް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަތައް މިހާރު ބަލަމުން އަންނަ ކަމަށް އީޑީ އިން ބުންޏެވެ.

މިކަމާ ގުޅިގެން ޝިޕްލާގެ ދެމަފިރިންގެ ގާނޫނީ ޓީމްގެ ފަރާތުން ވަކީލު ޕްރަޝާންތު ޕަޓިލް ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ދޭން ޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި މި ތުހުމަތުތަކާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުން އިންސާފު ލިބޭނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ޝިލްޕާ އާއި ރާޖް މީގެ ކުރިން ވެސް އެކި ފަރާތްތަކާ އެކީ ހިންގާފައިވާ މުއާމަލާތްތަކުގައި ދޭން ޖެހޭ ފައިސާ ނުދީގެން ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

ރާޖް އަކީ 2021 ވަނަ އަހަރު ބަރަހަނާ ފިލްމު ހަދައިގެން އޭގެ ޒަރީރާ އިން ބޮޑު އާމްދަނީއެއް ހޯދާ ކަމަށް ތުހުމަތުކުރެވި ހައްޔަރު ވެސް ކުރި މީހެކެވެ. އެ މައްސަލައިގައި އޭނަ ދެ މަހެއްހާ ދުވަހު ޖަލުގައި ބަންދު ވެސް ކުރި އެވެ. އަދި ދޫކުރީ ކަފާލާތުގެ ދަށުންނެވެ.

ރާޖް ޖަލުގައި ހޭދަކުރި ދުވަސްތައް ދައްކުވައިދޭ ފިލްމެއް އޭނަ ހިމަނައިގެން މިދިޔަ އަހަރު "ޔޫޓީ 69" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.