Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމުގެ ގަރާރު ވީޓޯކޮށްފި

ފަލަސްތީނަށް އދ ގެ ދާއިމީ މެމްބަރުކަން ދިނުމަށް ގޮވާލާ އދ. ގެ ސަލާމަތީ ކައުންސިލަށް ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯކޮށްފި އެވެ.

މި ގަރާރަށް ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 12 މެމްބަރުންގެ ތާއީދު އެ ގަރާރަށް ލިބިފައިވެ އެވެ. އިނގިރޭސިވިލާތާއި ސްވިޒަލޭންޑުން މި ވޯޓުގައި ބައިވެރިވެފައި ނުވާއިރު ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެމެރިކާއިން އެކަންޏެވެ. އދ. ގެ ސަލާމަތީ ކައުންސިލުން މައްސަލައެއް ފާސްކުރުމަށް ނުވަ ވޯޓާއި ވީޓޯ ކުރުމުގެ ބާރު ލިބޭ އެމެރިކާ، ރަޝިއާ، ޗައިނާ، ފްރާންސް އަދި އިނގިރޭސިވިލާތުގެ ތާއީދު ބޭނުންވާނެ އެވެ.

އދ. ގެ މެމްބަރު ގިނަ ގައުމުތަކެއްގެ ތާއީދު އޮތް މި ގަރާރު ވީޓޯ ކުރުމަށް ފަހު އ.ދ އަށް އެމެރިކާ އިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރޮބަޓް ވުޑް ވިދާޅުވީ މި ގަރާރުގެ ވީޓޯ ކުރި ނަމަވެސް ވަކި ދެ ދައުލަތެއް ގާއިމުކުރަން އެމެރިކާ އިން ތާއީދުކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ޖެހޭނީ އިޒްރޭލާއި ފަލަސްތީނާއި ދެމެދު ކުރެވޭ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

ގަރާރު ވީޓޯ ކުރުމުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އެކަން ކުށްވެރިކޮށް އެމެރިކާގެ ނިންމުން އިންސާފުވެރި ނޫން ކަމަށް ވިދާޅުވެފަ އެވެ.

މިވަގުތު "އޮބްޒާވާ ގައުމެއްގެ" ދަރަޖަ ދީފައިވާ ފަލަސްތީނަށް އދ.ގެ އާންމު މަޖިލީހުގެ ފުރިހަމަ މެމްބަރުކަން ލިބެން އަންނަނީ ސަލާމަތީ މަޖިލީހުން އެކަމަށް ރުހުން ދީ އަދި އ.ދ ގެ އާންމު މަޖިލީހުގެ ތިންބައި ކުޅަ ދެ ބައިގެ ތާއީދު ލިބިގެންނެވެ.

އިރާނުން އިޒްރޭލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލިއިރު، އިޒްރޭލުން އަންނަނީ މިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ގާޒާ އަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 33،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.