Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

ބަލިވެއިން ދީޕިކާ ޖަރީކުރުމުގައި!

މިހާރު އަލަތު ދަރިފުޅަށް ބަލިވެއިން އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިލާ ޕަދްކޯން ޖަރީކުރުން ތަޖުރިބާކުރަން ފަށައިފި އެވެ.

އޭނަގެ މި މަސައްކަތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށް ބުނީ އަލަށް ޖަރީކުރާ އެތި އެއްކޮށް ނިންމާލައި އެ ހިއްސާކުރެވޭނެކަމުގެ އުންމީދު ވެސް އޮތް ކަމަށެވެ. ފޮޓޯގައި ފެންނަނީ މާތަކެއް ޖަރީކުރަން ފަށާފައިވާ ތަނެވެ. އެއީ ތިނޯސް ބޭނުންކޮށްގެން އަތުންނެވެ.

މާބަނޑު ދުވަސްވަރު އަންހެނުން މިފަދަ ހުނަރުތައް ދަސްކުރެ އެވެ.

ދީޕިކާ ޖަރީކުރާ ވާހަކަ ހިއްސާކުރުމުން ވަރަށް ގިނަ ބަޔަކު އޭނަ އަށް ހިތްވަރު ދީ، މިއީ މާބަނޑު ދުވަސްވަރުކޮށްލަން ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށް ކޮމެންޓްކޮށްފައިވެ އެވެ.

ދީޕިކާ އާއި ފިރިމީހާ އެކްޓަރު ރަންވީރު ސިންގް އަށް ލިބޭ ފުރަތަމަ ދަރިފުޅު އުފަންވާނީ މި އަހަރުގެ ސެޕްޓެމްބަރުގަ އެވެ. ދިޕިކާ ބަލިވެއިންކަން އިއުލާންކުރީ ފެބްރުއަރީ މަހު އެވެ.

ޖެނުއަރީގައި ރިލީޒްކުރި "ފައިޓާ" އަށް ފަހު، މި އަހަރު އަދި ބެލުންތެރިންނަށް ހުނަރުވެރި އަދި އެހާމެ ކާމިޔާބު ބަތަލާގެ ދެ ފިލްމެއް އަންނާނެ އެވެ. އެއީ ޖޫން 20 އަށް ތާވަލުކޮށްފައި އޮތް ޕްރަބާސްގެ "ކަލްކީ: 2898 އޭޑީ" އާއި އޮގަސްޓް 15 އަށް ތާވަލުކޮށްފައި އޮތް އަޖޭ ދޭވްގަންގެ "ސިންގަމް އެގެއިން" އެވެ.