Last Updated: May 7, 20:45
Tuesday, May 7, 2024
ރިޕޯޓް

ޤާނޫނު އަސާސީ އާއި ޤާނޫނުތައް "ސައިވެފައި"

ރާޒުވާގަނޑެއްގައި ސައިވެއްޖެއޭ ބުނުމުން ދޭހަވާ އެއް މާނައަކީ ކުޅުން ކުރިއަށް ގެންދިއުމަކީ ބޭކާރު ކަމެކެވެ.

ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެހައި ކަންކަން ހިންގުމުގެ ނިޒާމު ކަނޑައަޅާފައިވާ ޗާޓެވެ. ދައުލަތުގެ ހުރިހާ ބާރުތަކާއި، އެ ބާރުތަކުގެ އިންތަކާއި މިންތަކުގެ ބަޔާނެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމަކީ ބާޠިލުކަމެކެވެ. އެކަމަކީ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގެ ބުނެފައި ވަނީ އެވާހަކައެވެ.

ޤާނޫނުއަސާސީގެ ބޭނުމަކީ ޤައުމުގެ ރައްޔިތުންނަށް ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނީ ޙުކޫމަތުގެ ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނު އަސާސީގައި ވަނީ ޤާނޫނީ އިމުގެތެރެއިންމެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ.

ކިތަންމެ ބާރުހުރި ފަރާތަކުންވިޔަސްއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާވިޔަސް، ރައްޔިތުންގެ މަޖިލީސްވިޔަސް، ޝަރުޢީ ކޯޓްތައްވިޔަސް، މިނިވަންމުއައްސަސާތައްކަމަށްވިޔަސް އަދި ރައްޔިތުން ވިޔަސްމެ އެވެ.

2008 ވަނަ އަހަރުގެ އޮގަސްޓްމަހު ދިވެހިރައްޔިތުންނަށް ލިބިގެންދިޔަ ޤާނޫނުއަސާސީގައި ކިތަންމެ ރަނގަޅަވެސް މިދެންނެވި ކަންކަން ލިޔެވި ބަޔާންކުރެވިފައިވެއެވެ. ސުވާލަކީ ލިޔެވިފައިވާގޮތަށް ޢަމަލުކުރަމުންދޭބާވާއެވެ؟

ޤާނޫނުއަސާސީގެ އަސާސީއެއް ސިފައަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ބުނެފައިވާގޮތަށް ކަންކަން ކުރުމެވެ. އެގޮތަށް ޢަމަލުކުރެވޭތޯއެވެ؟

ޤާނޫނުއަސާސީގައިވަނީ އޮޑިޓަރޖެނެރަލް މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްވެގެންކަމަށެވެ. އެއްވެސް ޙާލެއްގައި އޮޑިޓަރޖެނެރަލް ބަދަލުކުރުމުގެ ގޮތުން ޤާނޫނަށް ބަދަލުގެނަސް އެކަން ކުރުމުގެ ވާހަކައެއް ނެތެވެ.

ވަކިކުރި އޮޑިޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިތާ އެތައް މަހެއް ފާއިތުވީއެވެ. މައްސަލަ ބަލައިގެންކަމެއް ނުވަތަ ނޫންކަން އެނގިފައެއްނެތެވެ. މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިނެތެވެ.
ފަނޑިޔާރުން ވަކިކުރާނެ ގޮތް ޤާނޫނުއަސާސީގައްޔާއި ޤާނޫނުގައި ކަނޑައަޅާފައި އެބައޮތެވެ.

ފަނޑިޔާރުންގެ މައްސަލައެއް އުޅޭނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެފަނޑިޔާރަކުވެސް އެކޮމިޝަނަށް ހާޒިރުކޮށް މައްސަލަ ބަލައި އޭނާ ވަކިކުރަން އެކޮމިޝަނަށް ފެނިއްޖެނަމަ، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެމަޖިލީހުގެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ 3/2 އަޣްލަބިއްޔަތުން ފާސްވުމުން މެނުވީ ފަނޑިޔާރަކު މަޤާމުން ވަކިނުކުރެވެއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކު މަޤާމުން ދުރުކުރެވުނީ މިދެންނެވި ޤާނޫނުއަސާސީއާއި ޤާނޫނުގައި ބުނެފައިވާ އުޞޫލުންތޯއެވެ؟

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ޖުޑީޝަލް ސަރވިސްއިން އައުމުގެ ބަދަލުގައި ޤާނޫނަށް ބަދަލު ގެނަސް އެމައްސަލަ އެކޮމިޝަނަށް ފޮނުވައި، އެ ކޮމިޝަނުން މައްސަލަ މަޖިލީހަށް ފޮނުވައިގެން ގޮތެއް ނިންމީއެވެ. ފަނޑިޔާރުން ޤާބިލުނޫންކަމަށް ނިންމެވި އިރު އެއިން ބޭފުޅެއްގެ ބަސްވެސް އަޑު އަހަން ބޭނުން ނުވިއެވެ. އަދި އެ ފަނޑިޔާރުން ޤާބިލުނޫންކަމަށް ބަލައި ވަކިކުރުމުންވެސް އެ ބޭފުޅުންނަށް ފައިސާއާއި ކާރާއި ބޭރު ޤައުމުތަކުން ހިލޭބޭސް ކުރެވޭ ގޮތަަށް އެތަކެއް ޢިނާޔަތްވަނީ ދީފައެވެ. އަޅެ ހައިރާނެއްނުވާނެތޯއެވެ. ޤާބިލުނޫންވިޔަސް ޤާބިލުފަރާތްތަކަށް ލިބޭ އެންމެހައި ކަންކަން ލިބިއެވެ.

އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ލިބިދޭ ވަރަށް އަސާސީ ޙައްޤެކެވެ. މިއީ އެހެން ހުރިހާ ޙައްޤުތައް ކަށަވަރުކޮށްދޭ ޙައްޤެވެ. އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤުގެތޭރޭގައި ގިނަގުނަ ޙައްޤުތައް ކަށަވަރުކޮށްދީފައިވެއެވެ.

ޤާނޫނީވަކީލެއްގެ އެހީތެރިކަން ލިބިދިނުމާއި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އެންމެހައި ކަންކަމާއި ހެކިތައް ކުރިޔާލައި އެމީހަކަށް އެންގުމާއި، ތުހުމަތުކުރެވޭ ކަންކަމުގެ ދިފާޢުގައި މަސައްކަތްކުރުމަށް އެކަށޭނަ ވަގުތު ދިނުމާއި، ތުހުމަތުން ބަރީއަވުމަށް ދިފާޢުގައި ހެކިހުށަހެޅުމާއި، ދަޢުވާކުރާފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމާއި، އިސްތިޢުނާފުކުރުމަށް އެކަށޭނަ މުއްދަތު އޮތުންފަދަ ޙައްޤުތަކަކީ އިންސާފު ލިބިދިނުމުގެ ޙައްޤާ ގުޅިލާމެހިފައިވާ ޙައްޤުތަކެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ މުޙައްމަދު ނާޒިމުގެ ޝަރީޢަތް ދިޔަގޮތާއި، ޤާނޫނީވަކީލުން ލިއްބައިދިންގޮތާއި، ދިފާޢުވުމަށް ދެވުނު ވަގުތާއި، ހެކިހުށަހެޅުމާއި، ހެކިން ބަލައިގަތުމާއި، އިދިކޮޅު ހެކިންނާ ސުވާލުކުރުމަށް ލިބުނު ފުރުޞަތާ މިކަންކަމަށް އެކަނި ބަލާލާއިރުވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ލިބިދީފައިވާގޮތަށް އެކަންކަން ޢަމަލީގޮތުން ފެނިގެންދިޔަކަމާމެދު ސުވާލު އުފެދެއެވެ.

މައްސަލައެއް އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމުން، އެއީ ޚާއްޞަކޮށް ޖިނާއީ މައްސަލައެއްނަމަ، އަދި އިސްތިޢުނާފުކުރުމުގެ ޙައްޤު ބޭނުންނުކުރީ ދައުލަތުން ކަމުގައިވާނަމަ، އަލުން ޖިނާއީ މައްސަލަ އިސްތިޢުނާފުކޮށް، ކުށުން ބަރީއަވެފައި އޮތް އޮތުން މުރާޖަޢާކުރުމަށް މައްސަލައިގެ ފައިލް ހުޅުވުމަކީ، މައްސަލަތަކުގެ ނިހާއީ ނިންމުން އައުމުން ދެން އެމައްސަލައެއް ނުބެލޭނެކަމަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިދޭ ޙައްޤަށް ބުރޫ އަރާނެ ކަންކަމެވެ.

ސްޕްރީމް ކޯޓުގެ ނިންމުމަކުންވެސް މައްސަލައެއްގައި އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމަށްފަހު މައްސަލަ އިސްތިޢުނާފު ކުރުމުގެ ފުރުޞަތު ނުދިނުމާބެހޭގޮތުން އަލި އަޅުވާލާފައިވެއެވެ. ކަންމިހެން އޮތްއިރު، ޖިނާއީ މައްސަލަތަކެއްގެ ތުހުމަތުކުރެވި، އެމައްސަލަތައް ޖިނާއީ ކޯޓުންނާއި ހައިކޯޓުން ސާބިތުނުވާކަމަށް ނިންމާފައިވަނިކޮށް، އެމައްސަލަތައް އިސްތިއުނާފުކުރަން އޮންނަ މުއްދަތު ހަމަވިތާ އެތަކެއް ދުވަސްތައް ފާއިތުވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަތައް ސްޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބަލައިގަނެ، އެކޯޓުން އެމައްސަލަތައް ދަނީ ހިންގަމުންނެވެ.

* * *
ޤާނޫނުއަސާސީއާއި ޤާނޫނުގެ މަޤްޞަދަކީ އަދި އެއިން ރައްޔިތުންނަަށް ލިބޭ ޔަޤީންކަމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާގޮތަށް ކަންކަންކުރުމުގެ ޔަޤީންކަމެވެ. ނަމަވެސް މިޔަޤީންކަމަށް މިވަނީ ގުޑުން އަރާފައެވެ. އިސްވެދެންނެވި މަދު ކަންކަން ހެއްކަކަށް ފުދެއެވެ. ޤާނޫނުއަސާސީންނާއި ޤާނޫނުން ގެރެންޓީ ދިން ޔަޤީންކަން ނެތުމުން، އެއީ ހަަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެފައިވާ ބަސްތަކަކަށްވީއެވެ. ބޭކާރުވީއެވެ. ސައިވީއެވެ.