Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

ޕްލާސްޓިކް ސާޖަރީއެއް ނަހަދަން: ރާޖް

އެއްވެސް އިރެއްގައި ޕްލާސްޓިކް ސާޖަރީއެއް ނަހަދާ ކަމަށާއި އެކަމަކު މީގެ އަށް އަހަރު ކުރިން ދަތްދޮޅީގެ ބައްޓަމަށް ހާއްސަ ޗިން ފިލާއެއް ހެދި ކަމަށް އިންޑިއާގެ އެކްޓަރު ރާޖްކުމާރު ރާއޯ ބުނެފި އެވެ.

ނެޝަނަލް އެވޯޑް ހޯދާފައިބާ އެކްޓަރު ޕްލާސްޓިކް ސާޖަރީ ހެދި ވާހަކަ ދެކެވެން ފެށީ މިދިޔަ ހަފުތާގައި އޮތް އިވެންޓެއްގެ ތެރެއިން ބައެއް މީޑިއާތަކުން ނެގި އޭނަގެ ފޮޓޯތަކެއް އާންމު ކުރުމުން މޫނުމަތޮިން ވަރަށް ބޮޑު ތަފާތެއް ފާހަގަކުރެވެން ފެށުމުންނެވެ. އެގޮތުން ފޮޓޯ ނެގި އިރު ހިރު ގޮތުން އޭނަގެ މުޅި މޫނުގެ ބައްޓަމާއި ހަންގަނޑުން ބޮޑު ބަދަލުތަކއް ފާހަގަކުރެވިފައިވާ ކަމަށް ކަމަށް ވަރަށް ގިނަ މީހުން ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކާފައިވެ އެވެ.

އަދި އެ ފޮޓޯގައި ރާޖް ހުރި ގޮތާއި އޭނަގެ ކުރީގެ ފޮޓޯތަކެއް އަޅާކުޔައި، ޕްލާސްޓިސް ސާޖަރީ ހަދާފައިވާ ކަމަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކުރި އެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ރާޖް ވަނީ ޕްލާސްޓިކް ސާޖަރީއެސއް ނަހަދާ ކަމަށް ބުންޏެވެ.

"އެކަމަކު މީގެ އަށް އަހަރު ކުރިން ޗިން ފިލާއެއް ހެދިން،" އޭނަ ބުންޏެވެ. "އެކަން ކުރީ އަމިއްލަ ނަފުސަށް އަޮންނަ އިތުބާރު ބޮޑުކުރުމަށްޓަކައި. އަހަރެން ބުނާނީ އޭގެ ސަބަބުން އަހަރެންގެ ކެރިއަރަށް ވެސް ބަދަލުތަކެއް އައޭ."

ކުޅުނު 2014 ގެ ފިލްމު "ސިޓީ ލައިޓްސް" ގެ ބަތަލާ ޕަޓްރަލޭކާއާ 2021 ގައި ކައިވެނިކުރި އެކްޓަރު ބުނީ އޭނަ އަކީ ޕްލާސްޓިކް ސާޖަރީ ހެދޭހާ ތަނަވަސް އެކްޓަރެއް ވެސް ނޫން ކަމަށާއި އަދި އެއީ ވަރަށް ވަގުތު ވެސް އޮވެގެން ކުރެވޭނެ ކަމެއް ކަމަށެވެ.

އެހެންވެ ޕްލާސްޓިކް ސާޖަރީ އަކީ އެއްވެސް އިރެއްގައި ވިސްނި ކަމެއް ނޫން ކަމަށް ބުންޏެވެ.

ރާޖް ބުނި ގޮތުގައި އޭނަގެ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ދެއްކި ފޮޓޯ ބަލައިލުމުން އަމިއްލަ އަށް ވެސް އެ ފޮޓޯ އިން އޭނަގެ ސިފައިގައި "އައިބުކަމެއް" ހުރިކަން ފާހަގަކުރެވުނެވެ. އަދި އެ ފޮޓޯ ރީތި ނޫން ކަމަށް ބުންޏެވެ.

"އަހަރެން ހުރީ މޭކަޕް ވެސް ކޮށްގެނެއް ނޫން އެ ފޮޓޯ ނެގި އިރު. އެ ފޮޓޯ ފެނުނީމަ ހިތަށް އެރި އޭގައި ފެންނަ ގޮތަށް އަހަރެންގެ ހަންގަނޑު ރީތިވާނެ ނަމައޭ." ރާޖް ބުންޏެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރުގެ ދެ ފިލްމެއް އަންނަ މަހު ރިލީޒްވާން އެބައޮތެވެ. އެއީ މެއި 10 ގައި ގެނެސްދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ "ސްރީކާންތު" އާއި މެއި 31 އަށް ތާވަލުކޮށްފައި އޮތް ކުޅިވަރު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.

ރާޖް ޕްލާސްޓިކް ސާޖަރީ ހެދިކަމުގެ ވާހަކަތައް ދެކެވޭ އިރު، ބޮލީވުޑްގެ ބަތަލާއިން ސިފަ ރީތިވާން ޕްލާސްޓިކް ސާޖަރީ ހަދާ ވާހަކަ އަކީ ވަރަށް އާންމު ވާހަކައެކެވެ. އެކަމަކު ވަރަށް މަދު ބަތަލާއެއް ނޫނި އެކަމަށް އަމިއްލަ އަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި ބޮލީވުޑްގެ ދުވަސްވީ އެކްޓަރު ޒުވާންކަން ދަމަހައްޓަން ބޮޓޮކްސް އިންޖެކްޝަން ޖަހާ ކަމަށް ވާހަކަ ދެކެވެ އެވެ.