Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

އިންޑިއާގެ އިންތިހާބު ކުރިއަށް

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބުގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާގެ، ލޯކް ސަބާގެ އިންތިހާބު މިއަދު ފަށައިފި އެވެ.

ހަތް ފޭހަކަށް މި އިންތިހާބުގެ ވޯޓްލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ޖޫން މަހުގެ 1 އާ ހަމައަށް އިންތިހާބު ކުރިއަށް ދާނެ އެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާ އަށް މެންބަރުން އިންތިހާބު ކުރަން ބާއްވާ މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 968 މިލިއަން މީހަކަށް ލިބިގެންވެ އެވެ. މިއީ 2019 ގެ އާންމު އިންތިހާބުގައި ވޯޓްލީ މީހުންނަށް ވުރެ 150 މިލިއަން އިތުރު އަދަދެކެވެ.

ލޯކް ސަބާގެ 543 ގޮނޑި އަށް މެންބަރުން އިންތިހާބުކުރާ އިރު، މި އިންތިހާބު ވާނީ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ތިން ވަނަ ދައުރެއް ލިބޭނެތޯ ނޫންތޯ ވެސް ކަށަވަރުވާނެ އިންތިހާބަކަށެވެ. ވެރިކަން ކުރާ ބީޖޭޕީން ވަނީ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފަ އެވެ.

މެޖޯރިޓީ ލިބޭނީ ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން މަދުވެގެން 272 ގޮނޑި ކާމިޔާބު ކުރެވޭ ބަޔަކަށެވެ.

މި ފަހަރުގެ އިންތިހާބުގައި ބީޖޭޕީ އާއި މޯދީ ބަލިކުރަން އިންޑިއާގެ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއް އިންތިހާބަށް ނުކުތީ ގުޅިގެން އެކީގައި މަސައްކަތްކުރާ ގޮތަށެވެ. އެގޮތުން އެކަމަށް ހާއްސަކޮށްގެން މިދިޔަ އަހަރު "އިންޑިއާ" ގެ ނަމުގައި ކޯލިޝަނެއް ވެސް ހަދާފައިވެ އެވެ.

މި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ހަމަޖެހިފައި ވަނީ ޖޫން 4 ގަ އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން ވަނީ ވީހާ ވެސް ގިނަ ބަޔަކު ވޯޓްލާން ނުކުތުމަށާއި އަމާން އިންތިހާބަކަށް މި އިންތިހާބު ހަދައިދޭން ވެސް ގޮވާލައިފަ އެވެ.